ކޮވިޑް-19އާ ގުޅިގެން އިގްތިސާދުން އަންނަ ލޮޅުންތަކުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އަގުލަބިއްޔަތުން ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅި ގޮތަށް މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރަން ފާސްކޮށްފައެވެ.

އެގޮތަށް ނިންމާފައިވާއިރު، މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި އާންމު މުވައްޒަފުންނަށް މުސާރައިގެ އޮނިގަނޑަށް ފިނޭންސް މިނިސްޓްރީން ބަދަލު ގެނައުމުގެ ކުރިން މަޖިލީހުން މަޖިލީހުގެ މެންބަރުންގެ މުސާރައަށް ގޮތެއް ކަނޑައަޅައި ފާސް ކުރަން ޖެހޭ ކަމަށާއި މިއަދު މެންދުރުފަހު 2:00 ގައި މަޖިލީހުގެ އާ ޖަލްސާއެއް ފަށައި އެ މަސައްކަތް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާގައި ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމަން ވޯޓަށް އަހާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ.

މީގެ އިތުރުން އިގްތިސޯދަށް އަންނާނެ ލޮޅުންތަކުން އަރައިގަންނަން ހަރަދު ކުޑަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅޫވެފައި ވަނީ އިއްޔެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. އެ މުސާރައިން 20 ޕަސެންޓް އުނި ކުރާނަމަ ކޮންމެ މެންބަރެއްގެ މުސާރައިން 8،500 ރުފިޔާ އުނިވާނެއެވެ. އޭރުން މަޖިލީހުގެ މެންބަރުންގެ މުސާރައަށް ދައުލަތުން ކުރާ ހޭދައިން މަހަކު 739،500 ރުފިޔާ ސަލާމަތްވާނެ އެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 8.9 މިލިއަން ރުފިޔާއެވެ.