ކޮވިޑް-19 ފެތުރެމުންދާތީ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށާއި ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ

އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު އިއުލާން ކުރެއްވި ގޮތުގައި، އެ ފިޔަވަޅު އެޅީ މިއަދު މެންދުރު ނަމާދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދާއި ރިސޯޓްތަކަށެވެ.

އިސަލާމިކް މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހު ހުކުރު ނަމާދުވެސް ޖަމާއަތުގައި ނޯންނާނެ ކަމަށާއި އެ ނަމާދާ ގުޅޭ ގޮތުން ރައްޔިތުން އަމަލު ކުރާނެ ގޮތެއް ފަހުން އިލްމްވެރިން ބުނެދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ނަމާދަކަށް ވެސް އިމާމުން މިސްކިތްތަކަށް ގޮސް ބަންގި ގޮވައި، ނަމާދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިސްކިތުގައި ވަކިން ނަމާދު ކުރަން ބޭނުންވާ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި މީހުންނަށް ނުވަދެވޭނެ ގޮތަށް މިސްކިތްތައް ބަންދުކޮށްފައި ނުބަހައްޓާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ، ރާއްޖެން ކޮރޯނާވައިރަސް ފެނުމާ ގުޅިގެންނާއި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރުކު ވީހާވެސް ކުރުކޮށް އަދި ކުރު ސޫރަތް ކިޔެވުމާއި އަދި ހުތުބާވެސް ކުރުކުރަން އަންގާފައެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ރައްކާތެރިވުމަށް މިސްކިތުގައި އަޅާފައިވާ ކާޕެޓުތައް ނަގަންވެސް އަންގާފައެވެ.

މިއީ ރާއްޖޭގައި މިސްކިތްތައް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރައް ވީއިރު، ކޮވިޑް-19އާ ގުޅިގެން ބައެއް އެހެން ގައުމުތަކުގެ މިސްކިތްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެގޮތުން ސައުދި އަރަބިއްޔާގެ ދެ ހަރަމް ފިޔަވާ ހުރިހާ މިސްކިތްތައް އިއްޔެ ވަނީ ބަންދުކޮށްފައެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒުތައް ދެ ހަފުތާއަށް ބަންދުކޮށްފައި ވާއިރު ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ސިނާމާތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން މަނާކުރުމާއި، އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުންވެސް ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.