ކުންފުންޏެއްގެ ވިލިމާލެ އޮފީހުގެ ސެކިއުރިޓީ އޮފީސަރެއް، ވިލިމާލޭގެ ޖޯއްޔެއްގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ވިލިމާލޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު 6:13 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މިއަދު މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކ. ވިލިމާލޭގައި މީހަކު މަރުވެފައި އޮއްވާ ފެނިފައި ވާއިރު، މިމަހުގެ 13 ވަނަ ދުވަހު ގއ. އަތޮޅުގައި ހިނގި ހާދިސާއެއްގައި އެ އަތޮޅު ހޮސްޕިޓަލަށް މީހަކު ގެންދިޔަ އިރު ނިޔާވެފައިވާ މައްސަލައެއްވެސް ފުލުހުން ބަލަމުން އެބަދެއެވެ.