މާލޭ މަގުމަތީގައި 5 މީހަކު މާރާމާރީއެއް ހިންގި މައްސަަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު 11:07 ހާއިރު މަޖީދީމަގު ހީނާމާގެ ޕާކިން ޒޯން ކައިރީގައި ސައިކަލެއްގައި ދިޔަ މީހަކާމެދު 4 މީހުންގެ ގްރޫޕަކުން މާރާމާރީ ހިންގާފައިވާ މައްސަލައެއް ހުށަހެޅިފައި ވާ ކަމަށެވެ.

މި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި އާންމުންގެ މީހަކު ވަނީ އެ މަންޒަރު ވިޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. އެ ވީޑީއޯއިން ފެންނަނީ މަލޭ ގަލޮޅު ބޯޅާ ދަނޑު ކައިރި ހީނާމާގެ ހިމެނޭ ސަރަހައްދުގެ ކަންމަތީގައި ދެ ސައިކަލެއް ވެއްޓިފައި އޮންނަ ތަނެވެ. އަދި ބިންމައްޗަށް ވެއްޓިފައި އޮންނަ މީހެއްގެ ގައިގައި ހަތަރު މީހަކު ވެގެން އަތުންނާއި ފައިން ތަޅާ އަނިޔާ ކުރާ މަންޒަރެވެ.

ބިންމައްޗަށް ވެއްޓިފައި އޮތް މީހާ އެމީހުންގެ ހަމަލާތަކުން ސަލާމަތް ވުމަށް އަތާއި ފައި ހޫރާ މަންޒަރު ފެނެއެވެ. ދުވާލުގެ ވަގުތެއްގައި ގަލޮޅު ބޯޅަ ދަނޑު ކައިރީ މި މާރާމާރި ހިންގާފައިވާ އިރު މާރާމާރީ ހުއްޓުވުމަށް އެ ސަރަހައްދުން އެއްވެސް މީހަކު ގޮސްފައި ނުވެއެވެ. އެ މާރާމާރީ ހިންގި ވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ އުޅަނދުތަކާއި ހިނގާފައި ދިޔަ މީހުން ވީޑިއޯއިން ފެނެއެވެ.

އެ ހާދިސާ ހިންގިތަނަށް ފުލުހުން ދިޔައިރު މި މައްސަލައިގައި ޝާމިލްވާ އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.