މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ފާސްކޮށްފިއެވެ.
ސަރުކާރު ބަންދު ކުރުމަށް ނިންމާފައި ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީރު ވިދާޅުވީ، ސަރުކާރު ބަންދު ކުރީ، ދަތުރު ގޮސް، ކެފޭ ރެސްޓޯރަންޓުތަކަށް ދާން ނޫން ކަމަށާއި ސަރުކާރު ބަންދު ކުރީ އާންމުން ގޭތެރޭގައި ތިބުމަށް ކަމަށެވެ.
ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައި ވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ ނިންމާފައެވެ. މި ނިންމުންތައް ނިންމާފައި ވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒުތައް ދެ ހަފުތާއަށް ބަންދުކޮށްފައި ވާއިރު ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ސިނާމާތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ.
އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން މަނާކުރުމާއި، އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުންވެސް ވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.