ކޮވިޑް-19 އާށް ޕޮޒިޓިވެ ހާލު ދެރަވެގެން، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ދެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން ހާލުބޮޑުވި ފަތުރުވެރިޔާ ރާއްޖެއައީ މިމަހުގެ ތިން ވަނަ ދުވަހެވެ. ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ޓެސްޓްކުރި އިރު، އޭނާ ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހެވެ. އޭގެފަހުން ފަރުކޮޅު ފުށީގައި ކަރަންޓީނު ކުރުމަށް ފަހު ހާލުބޮޑުވުމުން އޭނާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ.

އޭގެ އިތުރުން ރޭ ކޮވިޑް-19 އަށް ޝައްކުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ދެމަފިރިން ނެގެޓިވްވި ނަމަވެސް އަދިވެސް އިތުރަށް ޓެސްޓްކުރުމަށް އައިޖީއެމްއެޗްގައި ވަނީ ބާއްވައިފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.