ޓްރެވަލް ކްލިނިކަށް ޑޮކަޓަރަށް ދައްކަން މިއަދު ދިޔަ މީހަކު ފަރުކޮޅުފުއްޓަށް ބަދަލު ކުރަމުންދާ ކަމަށް ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ސްލޮވޭނިއާއިން އައި މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނުނީ އޭނާ މާލޭގައި ގާއިމްކޮށްފައިވާ ޓްރެވަލް ކްލިނިކަށް ދިޔުމުން ކަމަށެވެ. މިހާރު އޭނާ ފަރުކޮޅުފުށީގައި އެކަހެރިކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ތިބީ 14 މީހުންނެވެ. އަދި ވިލިވަރު ކަރަންޓީނު ފެސިލިޓީގައި 11 މީހުން އެބަ ތިއްބެވެ.