ކޮވިޑް-19 އާ ގުޅިގެން "ބޮޑު ދުމާ ނުހިނގުމަށް" އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިފަދަ އިލްތިމާސެއް ކޮށްފައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބައެއް ރަށްރަށުގައި ބޮޑު ދުމާ ހިނގުމުގެ ހަރަކާތްތައް ކުރިއަށް ގެންދާތީއެވެ. ބޮޑު ދުމާ ހިނގުން ނުވަތަ ޖަމާއަތެއްގައި މީހުން ތަކްބީރު ކިޔަމުން ހިނގުމަކީ، ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިން ސުރެ ސަގާފީ ގޮތުން ކުރަމުންދާ ކަމަކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ބޮޑު ދުމާ ހިނގުމަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެ މިނިސްޓްރީން ވަނީ، ފަރުޟު ފަސް ނަމާދު ގާއިމުކޮށް، ދީނީ ކަންކަމަށް އިސްކަންދީ، ސިއްހީ ދާއިރާތަކުން އަންގާގޮތަށް އަމަލުކުރުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ދުއާ ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ މިއަދުން ފެށިގެން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުތައް ވގުތީ ގޮތުން ހުއްޓާލުމަށް އަންގާފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިވަގުތު މިސްކިތްތަކާއި އާންމު ތަންތަނުގައި ދަރުސް ދިނުމުގެ ހުއްދަ ދީފައިވާ ހުރިހާ ފަރާތްތަކުން ވެސް އެ މިިނިސްޓްރީން އަންގަންދެން ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހުއްޓާލުމަށް އަންގާފައެވެ.

އަދި އާންމުން އެއްވެ އުޅޭ ތަންތަނުގައި ދަރުސް ދިނުމުގެ ބަދަލުގައި މި ދަނޑިވަޅުގައި މާލެއާއި އަތޮޅުތެރޭގައި ތިބި ދީނީ އިލްމުވެރިން މެދުވެރިިކޮށް މީޑިއާގެ ވަސީލަތްތަކުން އާންމުންނަށް ދީނީ ނަސޭހަތް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.