ކޮވިޑް19އާ ގުޅިގެން އައިސީޔޫގައި ހުރި އެނދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އައިސީޔޫ އެނދުގެ ޖާގަވެސް އިތުރު ކުރަމުންދާ ކަމަށެވެ. އަމާޒަކީ ހަމަ 200 އައިސީޔޫ އެނދު ތައްޔާރުކުރުން ކަމަށާއި އެއީ ފުލް ކެޕޭސިޓީ އާއެކު، އެކަމަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓަކާވެސް އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
އައިސީޔޫގެ ޖާގަ މިހާރު ރާއްޖޭގައި ހުރި މިންވަރު ހާމަކޮށްފައި ނުވާއިރު، އައިސީޔޫގެ ޖާގަ އިތުރު ކުރަނީ ކޮންތާކުކަމެއްވެސް މަބްރޫކު ހާމައެއް ނުކުރައްވައެވެ.
އައިސީޔޫގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ދަނީ އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީގެ ޖާގަތައްވެސް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިލިވަރުގެ ޖާގަ 100އަށް ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އއ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ވިލިވަރުގެ ޖާގައަކީ 30 ކޮޓަރިއެވެ. އަދި ފަރުކޮޅުފުށީގެ ޖަގަ އަކީ 50 ކޮޓަރިއެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.