ކަރެކްޝަންގެ މުވައްޒަފުންނަށާއި، މުދަލަށާއި އަދި އިމާރާތަށް ދިފައިވާ ގެއްލުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ރޭ ކަރެކްޝަންސް ސާވިސްގެ ބައެއް މުވައްޒަފުންނަށާއި މުދަލަށާއި އަދި އިމާރާތަކަށް ދީފައިވާ ގެއްލުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށެވެ. އަދި ކަރެކްޝަންސުން ބޭނުންވެއްޖެ ހިނދެއްގައި ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެފަރާތަށް އަރުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ދިވެހި ރާއްޖެވެސް ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި މި ބަލި ފެތުރުނަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުން ވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާއިރު، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރޭ ބޮޑުތަކުރުފާނު މަގުން ސައިކަލެއްގައި ދިޔަ މީހަކު ކަރެކްޝަންގެ މުވައްޒަފަކަށް ހަމަލާދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ރޭ 9:23 ހާއިރު މާލޭ ޖަލު ދޮރުމަތިން ސައިކަލެއްގައި ދިޔަ ދެ މީހަކު ޖަލުގެ އޮފިސަރަކަށް ހަމަލާ ދީފާވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކަރެކްޗަންސްގެ މުވައްޒަފަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ އޮފިސަރުގެ ފަހަތުން ސައިކަލުގައި ދާ ބަޔަކު އެއްޗަކުން ގައިގާ ޖަހާތަން ފެނެެއެވެ. އަދި އެއަށްފަހު ސައިކަލުގައި ތިބި ދެމީހުން ދާތަން ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަހާފައިވަނީ މަރުތޭލަކުންނެވެ.