ހއ. ކެލައިން މަސްތުވާތަކެއްޗާއެކު 28 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކެލާގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކެލާ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަންގައި ކެލާ ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަ ކެލާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާއިރު، މަސްތުވާ ތަކެތީގެ މައްސަލަ ތަކަކީ ރާއްޖޭގައި އާންމުވެފައިވާ ކަމަކަށް ވަނީ ވެފައެވެ.