ސައިކަލެއްގައި ދިޔަ މީހަކު ކަރެކްޝަންގެ މުވައްޒަފަކަށް ހަމަލާދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އިއްޔެރޭ 9:23 ހާއިރު މާލޭ ޖަލު ދޮރުމަތިން ސައިކަލެއްގައި ދިޔަ ދެ މީހަކު ޖަލުގެ އޮފިސަރަކަށް ހަމަލާ ދީފާވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އޮފިސަރުގެ ފަހަތުން ސައިކަލުގައި ގޮސް އެއްޗަކުން ގައިގާ ޖަހާތަން ފެނެެއެވެ. އަދި އެއަށްފަހު ސައިކަލުގައި ތިބި ދެމީހުން ދާތަންވެސް ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަހާފައިވަނީ މަރުތޭލަކުންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިމަހުގެ ހަވަނަ ދުވަހު އައްސޭރި ޖަލުގައި ގައިދީންނާއި އޮފިސަރުންނާއި ދެމެދު ހަމަނުޖެހުމެއް ހިނގާ 3 އޮފިސަރަކަށް އަނިޔާވެ މާލެ ގެނެސް ވަނީ ފަރުވާދީފައެވެ.