މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި 'މައިކްރޮސޮފްޓް'ގެ ބޯޑުން، އެ ކުންފުނީގެ ކޯ ފައުންޑާ އަދި މަހުޖަނު ބިލް ގޭޓްސް ވަކިވާން ނިންމައިފިއެވެ.

މައިކްރޮސޮފްޓްގެ ބޯޑުން ގޭޓްސް ވަކިވަނީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް އިތުރު ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށް ޚަބަރު ލިބެއެވެ.

ގޭޓްސް ވަނީ، މިވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދޭން ބޭނުންވަނި ދުނިޔޭގެ ސިއްހީ ހާލަތަށާ، ތަރައްގީއާ ތައުލީމުގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށް ހާމަކޮށްފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގެ ކުރީ މަގާމުތަކުން އަބަދުމެހެން ޖާގަ ހޯދަމުން އަންނަ، އުމުރުން 65 އަހަރުގެ ގޭޓްސް ވަނީ، މަހުޖަނު ވޮރަން ބުފޭގެ ބާކްޝަޔާ ހެތަވޭގެ ބޯޑު މެމްބަރުކަންވެސް ދޫކޮށްލާފައެވެ.

ކަންމިހެން އޮތްއިރު، ދުވަހުން ދުވަހަށް މައިކްރޮސޮފްޓް ކުންފުނި ހިންގުމުގެ ޒިންމާތަކުން ގޭޓްސް ވަނީ، 2008 ވަނަ އަހަރުގެ ތެރޭގައި އިސްތިއުފާ ދީފައެވެ.