ދުނިޔޭގެ މާކެޓުގައި ބޮޑު ތަނުން ތެލުގެ އަގު ވެއްޓުމުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ޕެޓްރޯލް އަދި ޑީސަލްގެ އަގު ރާއްޖޭގައި ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޑީސެލް ލީޓާރަކުން 0.50 ލާރި އަގު ހެޔޮކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ޑީސަލް ލީޓަރެއް އެސްީޓއޯއިން ވިއްކަމުން އައީ 10.89 ރުފިޔާ އަށެވެ. ނަމަވެސް މި ބަދަލާއެކު މިހާރު އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 10.39 ރުފިޔާ އަށެވެ.

އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓާރަކުން 0.53 ލާރި އަގު ހެޔޮ ކޮށްފައެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 10.13 ރުފިޔާއަށެވެ. ނަމަވެސް މި އައި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.60 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގުވަނީ ވަރަށް ބޮޑު ތަން ދަށްވެފައެވެ. އެހެންކަމުން އެސްޓީއޯއިން ވިއްކާ ޑީސަލް އަދި ތެލުގެ އަގަށް ބަދަލު އައިސްފައިވަނީ ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލާ އެކުއެވެ. އަދި މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް އެސްޓިއޯއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައެވެ.