ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ޖަލުތަކުގައި ތިބި މީހުންގެ އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވްސް ކަރެންޝަނަލް ސާވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ކަރެންޝަނަލް ސާވިސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކުރުމާއި ގުޅިގެން އެ ކޮމިޝަނުގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުތަކުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލަމަތާއީ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައި ކަމަށް މޯލްޑިވްސް ކަރެންޝަނަލް ސާވިސްއިން ބުނެއެވެ. އަދި ޖަލުތަކުގައި ތިބި ގައިދީންނަށާއި ބަންދުމީހުންނަށް، އާއިލާގެ ފަރާތުން އަންނައުނު ފޯރުކޮށް ދިނުންވެސް ވަނީ ވަގުތީ ގޮތުން، މެދު ކަނޑާލާފައެވެ. އެހެން ނަމަވެސް، މި ހާލަތުގައި އާއިލާއާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރު ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މީހަރު ފޯން ކޯލް ދެމުންދާ މިންވަރު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ކަރެންޝަނަލް ސާވިސް ބުނެއެވެ.

ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ހުރި ގައިދީންނާއި ބަންދުގައި ބަހައްޓާފައި ތިބޭ މީހުން ކޯޓުތަކަށް ހާޒިރު ނުކުރުމަށް ކޯޓުތަކުން މޯލްޑިވްސް ކަރެކްޝަންސް ސާވިސްއަށްވަނީ އަންގާފައެވެ. ރައްކާތެރިވުމުގެ ގޮތުން އެ ސާވިސްއިން ޖަލުތަކުގެ ސަލާމަތީ ފިޔަވަޅުތަކެއް އަޅުމުގެ ގޮތުން، އެޗްޕީއޭއާއި ނެޝަނަލް ޓާސްކްފޯސްއާ ގުޅިގެން ގައުމީފެންވަރުގައި އަޅަން ހަމަޖައްސާފައިވާ އުސޫލުތަކާއި އެއްގޮތަށް ގައިދީންނާއި ބަންދު މީހުން އަދި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތީ އެންމެހާ ކަންތައްތަށް ކުރަމުން ގެންދާ ކަމަށްވެސް އެ ސާވިސް އިން ބުންޏެވެ.

އެ ގޮތުން ހުން އައިސް، ކެއްސައި، ކިނބިހި އަޅާ އެއްވެސް އޮފިސަރަކު ގައިދީންނާ ދިމާނުވާނޭ ފަދައިންތިޒާމްތައް ހަމަޖައްސާފައިވާއިރު، ގައިދީއެއް ނުވަތަ ބަންދު މީހެއްގެ ކިބައިން މިފަދަ އަލާމާތްތައް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައަޅާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި ޖަލަށް ޑިއުޓީ ކުރަން ވަންނަ އޮފިސަރުންގެ ހުން ޗެކްކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.