ބ. އޭދަފުށީގައި ކުޑަ ކުއްޖަކު ގެނބުމުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:45 އެހާކަށްހާއިރު އޭދަފުށި ހުޅަނގު ފަރާތު ދޯނި އެހެލާ ސަރަހައްދަށް މޫދަށް އެރި އުޅުނު 12 އަހަރުގެ އަންހެން ކުއްޖަކު ގެނބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ގެނބުނު ކުއްޖާ ސަލާމަތް ކުރީ އާއްމު މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކުއްޖާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.