ފެތުރެމުންދާ ކޮވިޑް-19 އަށް އާންމުން ހޭލުންތެރި ކުރުވުމަށް އުރީދޫ ރިންގްޓޯނަށް ހޭލުންތެރިކަމުގެ މެސެޖެއް ލައިފިއެވެ.

މިކަން ކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. އެޗްޕީއޭން ބުނީ، މިއީ ކޮވިޑް-19 އާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށްޓަކައި ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށެވެ.

އެގޮތުން އުރީދޫ ކަސްޓަމަރުންނަށް ގުޅުމުން އިވޭ ހޭލުންތެރި މެސެޖުގައި ކިޔަނީ މިހެންނެނެވެ.

"ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ކޮންމެހެން ކުރަންވީ ކަންތައްތައް:

  • ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެ، ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް އާދަކުރައްވާ.
  • ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ ގޭގައި މަޑުކޮށް، މާސްކް ބޭނުން ކުރައްވާ
  • އަދި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ފަދަތަކެތި ނުވަތަ އަތުގެ އުޅަނބޮށި ލަނބާލުމަށްފަހު އަނގައާ ނޭފަތް ނިވާކުރައްވާ
  • ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ ނަަމަ އާންމުން އެއްވެ އުޅޭ ތަންތަނަށް ވަޑައިނުގަންނަވާ
  • ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަންނަވާ
  • ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް އަމަލުކުރައްވާ

މިއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ - އެޗްޕީއޭގެ ފަރާތުން ގެނެސްދޭ މެސެޖެއް"

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 8 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ހަމައެކަނި ކުރެއްދޫ އައިލެންޑް ރިސޯޓެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.