ބައިނަލްއަގުވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ތަދައްހުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)އިން މަރުޙަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް، މިމައްސަލަ އދގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ގެމްބިއާއިން ކަމަށެވެ. އަދި މިމައްސަލައިގައި ގެމްބިއާއާއެކު މަސައްކަތް ކުރުމަށް ރާއްޖެއިން ހުށަހަޅާނެކަން އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށް ދިޔަ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޖެނީވާގައި ކުރިއަށްދިޔަ ސެކްރެޓަރީ ޖެނެރަލްސް އޯރަލް އަޕްޑޭޓްސްގައި ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި އދއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޝްވަރާގައި އޯ.އައި.ސީގެ ފަރާތުން ރާއްޖެއަށް މަރުހަބާ ކިޔާފައި ވަނީ ޕާކިސްތާނުން އިއްވި ސްޓޭޓްމަންޓްގައެވެ. މިއީ ރާއްޖޭގެ ނިންމުމަކަށް އޯ.އައި.ސީ އިން މަރުޙަބާ ކީ ފުރަތަމަ ފަހަރެވެ.

ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ހާލަތަކީ މިވަގުތު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޯ.އައި.ސީއިން ދެކޭ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ބުނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ކުރެވޭ ކަންކަން ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް ހެދުމަށް ފާސްކުރެވުނު ކަމަށެވެ. އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރީ ގެމްބިއާ އާއެވެ. އަދި 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ ބައްދަލުވުމުގައި، ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަށް މެމްބަރު ހުރިހާ ގައުމަކުން އެއްބަސްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.