ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

މި ބައްދަލުވުން އޮންނާނީ މިރޭ 21:00ގައި އެ ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގެ ކޮންފަރެންސް ރޫމްގައެވެ. ނަމަވެސް މި ކުއްލި ބައްދަލުވުން މި ބާއްވަނީ ކޮން ސަބަބަކާއި ހެދި ކަމެއް ނޭނގެއެވެ.

އިލެކްޝަނުން މިއަދުވެސް ވަނީ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް އިލެކްޝަނުން ބާއްވަން ނިންމާފައިވާއިރު ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ ފަރާތުން އެ ކޮމިޝަނަށް މިއަދު ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބަކަށް އާއްމުންގެ ތަރުހީބު ނުލިބި ވޯޓުލުމަށް ދާނެ މީހުން މަދުވުމަކީ މާލީ ގޮތުން ކުރެވޭ އިސްރާފެއް އެމްއާރްއެމްއިން ފޮނުވި ސިޓީގައު ބުނެފައި ވެއެވެ. ހަމައެއާއެކު މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ތާއީދު ހޯދުމުގެ ހައްގު ލިބިގަތުމަށްވެސް ހުރަސްތަކެއް ހުރި ދަނޑިވަޅެއްކަމަށާއި، އެހެންކަމުން ސިޔާސީ ޕާޓީތަކާއި ކަމާގުޅުން ހުރި މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އިންތިހާބު ފަސް ކުރުމަށް އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ.

މީގެއިތުރުން އިދިކޮޅު ކޯލިޝަންގެ ބައެއް މަޖިލިސް މެންބަރުންނާއި ސަރުކާރު ކޯލިޝަންގެ ބައެއް މަޖިލިސް މެންބަރުންވެސް އަންނަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލަމުންނެވެ.

މިއަދު ބޭއްވި އިލެކްޝަނުގެ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.