ގައުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވަޑައިގެންފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާ ބައްދަލު ކުރައްވައި މިވަގުތު ގައުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރެއްވި ކަންކަމާ ބެހޭ ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

ރައީސް މައުމޫން، ރައީސް ސޯލިހާ ބައްދަލު ކުރައްވާފައި ވާއިރު، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން މައުމޫން ވަނީ އިއްޔެ ގޮވާލައްވާފައެވެ.

އިލެކްޝަން ކޮމިޝަނުން ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން އިންތިހާބު ފަސްކުރުމާ ދެކޮޅު ހައްދަވާ މަޖިލީހުގައި ބަހުސްކުރައްވާފައި ވާއިރު، ކޮވިޑް 19 އާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން "ދަޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ ކުރިން ބާއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށާއި އެކަމުގައި ސަރުކާރުން ގޮތެއް ނިންމާނީ އެންމެންގެ ހިޔާލާއެކު ކަމަށެވެ. ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވަމުންދާ ޕްރެސް ކޮންފަރެންސެއްގައި، ކޮރޯނާއަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖޭގައި ކޮރޯނާގެ ހަލަތު "ސީރިއަސް" ނޫން ކަމަށާއި ރައްޔިތުން ހާސްވެގެން އުޅެންވީ ހާލަތަށް ނުދާ ކަމަށެވެ.

ކޮވިޑް 19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޖުމްލަ 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް 19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ވަނީ އޮރެންޖު އެލާޓަށް ޖައްސާފައެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.