ފުލުހުންގެ ގާނޫނަށް ގެނެވޭ އިސްލާހުން އެ މުއައްސަސާ ސިޔާސީ ވެގެންދާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައި ވާ، ގާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، 28 ވަނަ މާއްދާ އަދިވެސް އެއޮތީ ކޯޓު އަމުރަކާ ނުލައި ފުލުހުންގެ އިދާރާއިން ނުވަތަ ގާނޫނު ތަންފީޒު ކުރުމުގެ އިދާރާއަށް ދެވިފައިވާ ބާރަކީ ކޮންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވާ ބައެއް ކަަންކަން މި ގާނޫނަށް، އިސްލާހު ގެނެވުނު އިރުގައި ހުރިކަން އަޅުގަނޑު ފާހަގަކުރަން. އެގޮތުން 28 ވަނަ މާއްދާ އަދިވެސް އެއޮތީ ކޯޓު އަމުރަކާ ނުލައި ފުލުހުންގެ އިދާރާއިން ނުވަތަ ގާނޫނު ތަންފީޒު ކުރުމުގެ އިދާރާއަށް އެބާރު ދީފަ."
އަހުމަދު ޝިޔާމް

ފުލުހުންގެ ގާނޫނަށް ގެނެވޭ އިސްލާހުން ވަރަށް ބޮޑަށް ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް އެބަ ސިޔާސީވެގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވަކިން ހާއްސާކޮށް ފުލުހުންގެ އެންމެ އިސްވެރިއާއަށް މަގާމުތައް ބަދަލު ކުރުމުގައާއި އަދި ފުލުހުންގެ މުއައްސަސާއަށް ބަދަލު ގެނައުމުގައި ބޮޑެތި ބާރުތަކެއް އެ ގާނޫނުގައި ދެވިފައިވާ ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ 40 ވަނަ މާއްދާގައި ޔުނީފޯމް ނާޅާ މީހުންނަށް އަދިވެސް މީހުން ހައްޔަރު ކުރުމުގެ ބާރު އެބަ ލިބިދޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަމަަކީ މީގެ ކުރިންވެސް މަޖިލީހުގައި ބަހުސް ކުރެވުނު އިރު ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހައްޔަރުކުރަން އަންނަނީ ކާކުކަމެއް ނޭނގޭ ކަމަށާއި ރޭގަނޑުގައި ދައްކާ ކާޑު ނުފެންނަ ކަމަށާއި ކުލަ ހެދުމެއްގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ އެ ގާނޫނަށް މީގެ ކުރިން އިސްލާހެއް ހުށަހެޅިފައި ވެއްޖެ މަޖިލީހަށް، މި ބާރު މިގޮތަށް ދޭއިރު ފުލުހުންގެ ގާނޫނަށް މި ގެނެވޭ އިސްލާހާ އެކީގައި އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް މިދަނީ."
އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ، އިންސާފް ލިބުން ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ 94 ވަނަ މާއްދާގައި ކުށަށް ތުހުމަތުކުރެވޭ ފަރާތް ތަހުގީގަށް ގެނެވޭ ދުވަހުން ފެށިގެން ކުރިން މައްސަލަ ބެލުމަށް ނަގާ ދުވަސް ނުނަގާނެ ކަން އެނގެން އޮތް ކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ އިންސާފް އަވަސްކޮށްދިނުމަށް މި އިސްލާހަކި ރަނގަޅު އިސްލާހެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ، ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ވަރަށް ރަނގަޅު ކަންތައްތަކެއްވެސް އެބަހުރި ކަމަށާއި އެ އިސްލާހު ތަކުގެ ތެރޭގައި ކަންބޮޑުވާ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.

އިސްލާހުގައި ހުރި އިތުރު ރަނގަޅުކަންކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ 60 ވަނަ މާއްދާގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިފި ނަމަ 30 ދުވަހު މުރާޖައާ ކުރަން ހުށަހެޅި އިސްލާހު އުފަލާއެކު ބަލައިގަންނަ ކަމަށެވެ. މީގެ އިތުރުން 90 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުގައި މީހެއްގެ މައްޗަށް އެއް ދައުވާއަށް ވުރެ ގިނަ ދައުވާ އުފުލިފައިވާ ހާލަތުގައި އޭގެތެރެއިން އެއްކުށް ނުވަތަ އެއަށްވުރެ ގިނަ ކުށް ސާބިތުވެއްޖެ ނަމަ ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ ނުވަތަ ހުރިހާ ކުށެއްގެ ދައުވާ ޕީޖީއަށް ފެނިއްޖެ ހިނދެއްގައި އަނބުރާ ގެންދެވިދާނެ ކަމަށް އޮތް އިސްލާހަކީވެސް ރަނގަޅު އިސްލާހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް 91 ވަނަ މާއްދާގައި ކނަބޮޑުވުންތަކެއް ހުރިކމަށް ޝިޔާމް ވިދާޅުވިއެވެ. ދައުވާއަށް ބަދަލު ގެނައުމުގެ ބާރު އިބްތިދާއީ އަޑުއެހުމުގެ ކުރި އަދި 91 ވަނަ މާއްދާގެ (ށ) ގައި އިބްތިދާއީ މަރުހަލާގައިވެސް އެ ދައުވާއަށް ބަދަލު ގެނައުމުގެ ބާރު ޕީޖީއަށް ލިބިގެން ވުމަކީ އެއީ ރަނގަޅަށް އޮތް ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހަމައެއާއެކު އަލަށް ޕްރިސެކިއުޓާ ޖެނެރަަލްގެ ގޮތުގައި ވަޑައިގެންނެވި ހުސައިން ޝަމީމް ކުރައްވާ މަސައްކަތްތަކަށް ޝިޔާމް ތައުރީފްކުރެއްވެވިއެވެ.

ޝިޔާމް ވިދާޅުވީ، ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ ބޮޑެތި ކުށްތަކަކީ ކޮބައިކަން އެނގިގެން މިހާރު ގާނޫނުގައި ކަނޑައެޅުން ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރި ކުށްތައް ޝުޔާމް ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގާނޫނު، ޓެރަރިޒަމްގެ ގާނޫނު، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުވުން ހުއްޓުވުމުގެ ގާނޫނު، އަދި މީހުން ޓްރެފިކް ކުރުމުގެ ގާނޫނު ތަކަކީ ކުރީ ސަރުކާރުގައި ގާއިމުކޮށްފައި ހުރި ގާނުނުތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ.