ޖުމްހޫރީ މައިދާނޫން ގޮތް ނޭނގޭ ފޮށްޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަމުންދާ ކަމަށް އެ ފަރާތުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ސަރަހައްދަކީ ރައްޔިތުންގެ ގިނަބަޔަކު ޖަމާވާ ސަރަހައްދެއް ކަމުން މިފަދަ އެއްޗެއް ފެނުމުން ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ފެނިފައި ވަނީ ރަތް ކުލައިގެ ފޮށްޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ފޮށި ފެނިފައި ވަނީ ޑަސްބިން ކައިރިން ކަމަށެވެ.

ޖުމްހޫރީ މައިދާން ބަންދުކޮށް، އެސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.

ޖުމްހޫރީ މައިދާނުން ފެނުނު ގޮތްނޭނގޭ ފޮށި އެމްއެންޑީއެފުން ގެންދަނީ / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނޭންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުން މި ރަތް ފޮށި ބަލާ ފާސްކުރި އިރު އޭގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ފޮށި އުފުލުމަށް ވަކި ހާއްސަ އެއްޗެއްގެ ބޭނުންކޮށްގެން އިތުރަށް ބެލުމަށް ގެންގޮސްފައިވާ ކަމަށެވެ. މިހާރު އެ ފޮށި ވަނީ ކޯސްޓްގާޑް ލޯންޗުގައި ގެންގޮސްފައެވެ.