ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ވައުދުގެ ދަށުން، މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން، 1700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، " ފަސްޓް ޓައިމް ހޯމް ބަޔާސް" އަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދާ މިމަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިން ޔުނިޓްގެ 11 ޓަވަރުގެ 15 އަދި 16 ބުރީގެ އިމާރަތްތަކެއް ހެދިގެން ދާނެ ކަމަށެެވެ.

އަދި މިއީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1020 އެޕާޓްމަންޓާއި، 650 އަކަފޫޓުގެ 2 ކޮޓަރީގެ 680 އެޕާޓްމަންޓު ކަމަށް ހައުސިން އިން ބުނެއެވެ. އަދި މިމަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ މޭ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައި ވާއިރު، މުޅި މަޝްރޫއަށް ޖުމްލަ 133,237,000 ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި މިމަޝްރޫގެ އަމަލީ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން ޔުނިޓް އެޅުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި މިނިސްޓަރު އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އައިމިނަތު އާތިފާއާއި، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ސުހައިލް އަހްމަދާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ ސަލްފިއްޔާ އަންވަރާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު އަދި ސަރުކާރުގެ ވުޒާރާ ތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އެވެ. މިމަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، ސައިމޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނުންނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ފަހިދިރިއުޅުމެއް ހޯދައިދިނުމާއި އަދި ބޯހިޔާވަހިކަން ހޯދުމަށްޓަކައި ރައްޔިތުން އުފުލަން ޖެހިފައިވާ ބުރަ ލުއިކޮށްދިނުން ކަމަށް ހައުސިން އިން ބުނެއެވެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށް ވުމާ އެކު، ބޯހިޔާވަހިކަން ދިނުމަށް ހިންގޭ ހުރިހާ މަޝްރޫއެއް ކާމިޔާބު ކަމާއެކު ރާވާ، ހިންގާ، އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.