ފެން ބިލު އޮންލައިންކޮށް ދެއްކުމަށް މާލެ ވޯޓާ އެން ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އިލްތިމާސްކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން މިފަދައިން އިލްތިމާސްކޮށްފައި ވަނީ ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ. އެގޮތުން ކުންފުނިން ވަނީ ކަސްޓަމާ ސާވިސް ކައުންޓަރަށް ޒިޔަރަތް ކުރުމުގެ ބަދަލުގައި އެ ކުންފުނީގެ މޯބައިލް އެޕް އަދި އޮންލައިން ހިދުމަތުގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާ އަދަދު ބަލާލާ، ކިޔުގަިއ މަދުނުކޮށް ކޮންމެ ވަގިތެއްގަިއ، ކޮންމެ ތަނެއްގައި ހުރެވެސް ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އޮންލައިން ހިދުމަތުގެ ޒަރިއްޔާއިން އެ ކުންފުނީގެ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް އެދި ފޯމު ހުށަހެޅުމާއި ގޭގައި ތިބެގެން ހިދުމަތުގެ ސްޓޭޓަސް ވެސް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައެއް ހުށަހެޅުމަށް 24 ގަޑިއިރު ގުޅޭ އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަމްބަރު 105 އަށް ގުޅުމަށް އެމްޑަބްލިއުއެސްސީން އިލްތިމާސްކުރެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއެކު، މި ބަލި ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ކުންފުނީގެ ކަސްޓަމަރުން މިކަމަށް އަހުލުވެރިވެ، ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ އަމަލު ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.