ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެންމެ ގިނަ ކޭސްތައް ރިޕޯޓްކުރަމުންދަނީ އިންޑިއާއިންނެވެ. އަންގާރަ ދުވަހުގެ ހެނދުނުގެ ނިޔަލަށް އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ.
ކޮވިޑް-19 ގެ ޚަބަރާއެކު، ދޮގު ޚަބަރުތަކާ، އަސްލެއް ނެތް އިރުޝާދުތައް ފެތުރުމުގެ އޮއެވަރެއް އިންޑިއާގައި ވަނީ އުފެދިފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތްތަކާ އެއްވަރަށް، ދޮގު ޚަބަރު ފެތުރުމަށްވެސް މިހާރު އެގައުމުގައި ވަނީ މަސައްކަތްތަކެއް ކުރަންޖެހިފައެވެ.
ކޮވިޑް-19އާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދޮގު މައުލޫމާތާ، ޚަބަރުތަކުގެ ހަގީގީ ފެށުން އޮތީ އިންޑިއާގައި ކަމަށްވެސް ބުނެވެއެވެ. އެގޮތުން ކޮވިޑް-19އިން ސަލާމަތްވުމަށް އައިސްކްރީމް އަދި ކުކުޅުފަދަ ފަދަ ކާބޯތަކެއްޗާ ދުރުވާން ޖެހޭ ކަމަށް ބުނެ ފަތުރަމުންދާ ދޮގު ޚަބަރުތަކަކީ އިންޑިއާއިން ދައުރުވެގެން އެކި ހިސާބުތަކަށް ފެތުރިފައިވާ ޚަބަރުތައް ކަމަށް ބައިނަލްއަގުވާމީ މީޑިއާ ބުނެއެވެ.
މިފަދަ އެތައް ބިރުވެރިކަމަކާއެކު އިންޑިއާގެ ހިއްސާގެ ބާޒާރަށްވެސް ވަނީ ލޮޅުންތަކެއް އަރަން ފަށާފައެވެ.
މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން 'ވަޓްސްއެޕް'ގެ އެންމެ ބޮޑު ކަސްޓަމާ ބޭސް އޮތީ އިންޑިއާގައެވެ. 468 މިލިއަނަށްވުރެ ގިނަ ސްމާޓްފޯނު ބޭނުންކުރާ އިންޑިއާގައި ވަޓްސްއެޕް ޔޫޒާޒްގެ އަދަދު 400 މިލިއަނަށްވުރެ މައްޗަށް އަރައެވެ. ވަޓްސްއެޕް މެދުވެރިކޮށްވެސް އިންޑިއާގައި ދަނީ ދޮގު ޚަބަރާ މައުލޫމާތު ފަތުރަމުންނެވެ. އެގޮތުން ގިނަގައިން އަންނައުނު ދޮވުމަށާ، އެހެނީ ކޮވިޑް-19 އަކީ ފޭރާމުގައި 9 ގަޑިއިރު ހަރުލާފައި ހުންނާނެ ވައިރަހެއް ކަމަށް ބުނެ އިންޑިއާގައި ވަނީ ދޮގު މައުލޫމާތު ވައިރަލްކޮށްފައެވެ.
އާންމުންގެ އިތުބާރު ހޯދާފައިވާ ޔުނިސެފް ފަދަ ބައިނަލްއަގުވާމީ އިދާރާތަކާ ހަވާލާދީވެސް އިންޑިއާއިން ދަނީ ދޮގު ޚަބަރާ މައުލޫމާތު ދައުރުކުރަމުންނެވެ.
ޔޫޓިއުބަށް ބެލި ކަމުގައި ވީ ނަމަވެސް މިކަން އޮތީ މިހެނެވެ. ކޮވިޑް-19އަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު އެކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން އެންމެ ގިނަ ބަޔަކު ބަރޯސާވަނީ ޔޫޓިއުބްއަށެވެ. މިކަމުގެ ނާޖައިޒު ފައިދާވެސް ބަޔަކު ދަނީ ނަގަމުންނެވެ. ދޮގު މައުލުމާތާ ޚަބަރު އެކުލެވޭ ގޮތަށް، އަދި އެ ބައެއްގެ ހިޓްސް ގިނަ ކުރުމަށް ކްލިކް ބެއިޓް އުސޫލުން ސުރުހީ ޖަހައިގެން ޔޫޓިއުބަށް އަޕްލޯޑް ކުރަމުންދާ ކޮންޓެންޓްވެސް މަދެއް ނޫނެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ މީހަކުވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެކެވެ. ސޯޝަލް މީޑިއާގައި ދައުރުވާހާ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމުގައި ބަލައިގެން ނުވާނެއެވެ. އެ މީހަކު އެ ހިއްސާކުރާ މައުލޫމާތަކީ ސައްހަ ފަރާތެއްގެ، ސައްހަ އެކައުންޓްއަކުން އާންމުކޮށްފައިވާ މައުލޫމާތު ކަން ކަށަވަރުކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ފަރުދީ ޒިންމާ އަދާކުރުމަށް އެޅެން އޮތް އެންމެ ފުރަތަމަ ފިޔަވަޅެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީވެސް ވަނީ މިފަދަ މައުލޫމާތު ދައުރު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކަންމިހެން އޮތް ނަމަވެސް މޯދީގެ ބީޖޭޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ދަނީ ދެކޮޅު ނުޖެހޭ އެތައް ވާހަކައެއް ކޮވިޑް-19އާ ގުޅިގެން ހިއްސާކުރަމުންނެވެ. ޚުދު ސަރުކާރުންވެސް ވަނީ އެކި ކަހަލަ ފަތްޕިލާވެއްޔާ ރަށްފުށު ބޭސްވެރިކަމަށް ހިތްވަރުދޭ ފަދަ މައުލޫމާތު ހިއްސާކޮށްފައެވެ. މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާ ފަރާތްތަކުން މިފަދަ ވާހަކަތަކާވެސް ދެކޮޅެވެ.