އެނބޫދޫ ފަރު މައްޗަށް މަސް ހިފަން ފޭބި ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

އެމްއެންޑިއެފުން ބުނީ އެނބޫދޫ ފަރުމައްޗަށް މަސް ހިފަން ފޭބި މީހަކު ގެއްލިގެން ކޯސްޓްގާޑުގެ ޑައިވަރުން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުގެ އަޑިން ފެނިފައިވާ ކަމަށާއި އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެމްއެންޑިއެފްގެ އެމްޑީޔޫ 2 ގެ ސްޓާފު ސާޖެންޓް ޔައުގޫބު އަހުމަދެވެ. އޭނާ ނިޔާވެފައި ވަނީ މަސްހިފަން ފައިބައިގެން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކަނޑުމަތީގެ ބައެއް ހަދިސާތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގައެވެ. އެގޮތުން މި ފަހުން ތިން ދިވެއްސަކުވެސް ވަނީ ކަނޑުމަތީގެ ދެ ހާދިސާގައި ގެއްލިފައެވެ. އެކަކު ގެއްލިފައިވަނީ ކަނޑުމަތީގެ އެކްސިޑެންޓެއްގައެވެ. ނަސްރުﷲ ނަމަކަށްކިޔާ އެ މީހާ ގެއްލިފައިވަނީ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. ދެވަނައަށް ގެއްލިފައި ވަނީ ފަރަށްއެރި ދޯންޏަކުން ގެއްލުނު ދިވެހި ދެ ފިރިހެނުންނެވެ.