މިއަހަރު ހޫނު މޫސުމުގައި އެހެން އަހަރުތަކަށްވުރެ އިތުރަށް ހޫނުގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަކީ މާޗް މަހާއި އޭޕްރީލް މަސް ކަމަށެވެ. އަދި މިއަހަރު ފެށުނުއިރު ވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ، ރާއްޖޭގައި އާންމުކޮށް ފިނި ހޫނުމިން ހުންނަވަރަށްވުރެ 0.5 ދަރަގަ މަތީގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ، މިއަހަރު ހޫނުމޫސުމުގެ ދުވަސްތަކުގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާ ކުރެވެނީ މިދުވަސްވަރުގެ އެވްރެޖް ހޫނުމިނަށްވުރެ މަތީގައި ކަމަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ޗާޓުން ދައްކާ ގޮތުގައި މިއަހަރު އެންމެ ހޫނުގަދަ ވާނީ ރާއްޖޭގެ އުތުރަށެވެ. ދެން އެންމެ ހޫނު ގަދަވާނެ ކަމަށް މެދު ރާއްޖެތެރެއަށް ލަފާކޮށްފައިވާއިރު، ފިނިހޫނުމިން އެންމެ ދަށްވާނީ ރާއްޖޭގެ ދެކުނަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ،ދުނިޔެގެ ފިނިހޫނުމިނަށް ބަލާއިރުވެސް މިފަހުގެ އަހަރުތަކަކީ ހޫނުގަދަ އަހަރުތަކެއް ކަމުގައި ރިކޯޑްތަކުން ދައްކާ ކަމަށެވެ. އަދި މިކަން ބެލެވިފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާކަމެއްގެ ގޮތުގައި ކަމަށް އެ އިދާރާއިން ބުނެއެވެ،

ރާއްޖޭގެ ފިނިހޫނުމިން ދަށް ވާން ފަށާނީ މެމަހުގެ މެދެއްހާ ހިސާބު، ހުޅަނގުމޫސުމުގެ ވިއްސާރަ ކުރަން ފެށުމުންނެވެ.