ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ޔޫ.އޭ.އީގެ ވެރިރަށް އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޯޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.

އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފައިވަނިކޮށް، އެ އެހީ ދެގުނަ ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދަށް އެންގެވީ 2019 ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކަން އިއުލާންކުރައްވާފައެވެ.

" އަދި މިއަދު އިރުއޮއްސެމުން ދަނިކޮށް އަޅުގަނޑަށް ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ،" ރައީސް އެރޭ ވިދާޅުވިއެވެ.

ރައީސް ސޯލިހްވަނީ ޔޫ.އޭ.އީއަށް ރަސްމީ 2 ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ޔޫ.އޭ.އީއަށް ވަޑައިގެންފައިވަނީ 2019 ނޮވެމްބަރު 29 ގައެވެ. މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެގައުމުން ބޮޑެތި އެހީތަކެއް ވެދެމުން އަންނައިރު، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަގާމާ ހަވާލުވެވަޑައިގެން ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެގައުމަށް ދެވޭ ގޮތް ހަމަޖެހިގެން ދިޔައެވެ.