ދެހާސް ވިހިވަނަ އަހަރު ހިފާ ފުރަތަމަ ސުޕަ މޫން މިރޭ ހިފާނެއެވެ.

ފަލަކީ އިލްމު އުނގެނިވަޑައިގެން ހުންނެވި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރެއަކީ މިއަހަރުގެ ފުރަތަމަ ފުލްމޫން ނުވަތަ ސުޕަ މޫން ހިފާނެ ރޭ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް މިރޭ ގަޑިން 22:48 ގައި ސުޕާމޫން ފެންނާނެ ކަމަށެވެ.

ހަނދު ދުނިޔޭގެ ވަށައިގެން ބިސްބުރެއްގެ ސިފައިގައިވާ އޯބިޓެއްގައި ދަތުރުކުރަމުން ދާއިރު ބައެއް ދުވަސްވަރަކަށް ދުނިޔޭގެ ބިމާ ގާތްވެ އަނެއްބައި ދުވަސްވަރަކަށް ދުނިޔެއާ ދުރުވެއެވެ. ދުނިޔެއާ ދުރުވާ ދުވަސްވަރު ހަނދު ފެންނާނީ ކުޑަކޮށެވެ. އަދި ދުނިޔެއާ ގާތްވާ ދުވަސްވަރު ހަނދު ފެންނާނީ ބޮޑުކޮށެވެ. ސުޕަމޫންގެ ގޮތުގައި ހަނދު ފެންނައިރު ހަނދު އާންމުކޮށް ހުންނަވަރަށް ވުރެ 12 ހާސް މޭލު ދުނިޔޭގެ ބިމާ ގާތްވާނެއެވެ.

ހަނދާއި ދުނިޔޭގެ ބިމާ ދެމެދުގައި ވާ ދުރުމިނަކީ ދެލައްކަ ތިރީސް އަށްހާސް މޭލު ކަމަށް ވިޔަސް މިއީ އަބަދު އެއްވަރެއްގައި ހުންނަ ދުރުމިނެއް ނޫނެވެ.