ދުނިޔޭގައި މަގްބޫލުކަން ހޯދަމުން އަންނަ ޗައިނާގެ މަލްޓިނޭޝަނަލް ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމަށްވާ ވާވޭ ކުންފުންޏާއެކު އުރީދޫ ގްރޫޕުން ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ.

އުރީދޫ ގްރޫޕުން ބުނީ، އެ ފަރާތުން ވަނީ ވާވޭއާ އެކު ވަރަށް މުހިއްމު ޕާޓްނާ ޝިޕްއެއްގައި ސޮއިކޮށްފައި ކަމަށެވެ. އެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން ކުވެއިތާއި، އޮމާނާއި، އިންޑޮނޭޝިއާގެ އިތުރުން ޓިއުނީޝިއާ އަދި ރާއްޖެއަށް ފުރިހަމަ 5ޖީގެ ވިއުގައަކުން ގުޅާލެވޭނެކަމަށް އުރީދޫ ގްރޫޕުން ބުނެއެވެ.

އުރީދޫން ބުނީ، މީގެ ސަބަބުން އެފަރާތުން ދެމުންދާ ހިދުމަތް ހޯދާ ފަރާތްތަކަށް މުއާސަލާތީ ގުޅުމުގެ ފުރިހަމަ ހިދުމަތް ލިބިގެން ދާނެ ކަމަށެެވެ.

މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި އުރީދޫން ބޭއްވި "މަރުހަބާ 2020" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ނަޛިބް ހާން ވިދާޅުވެފައި ވަނީ، އުރީދޫއަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީއަށް އާ އަލިކަމަކާއި އާ އުންމީދެއް ގެނެސްދިން ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަށް ދިވެހި ރައްޔިތުންގެ ފާރާތުން ލިބެމުންދާ އެއްބާރުލުމަކީ ފާހަގަ ކޮށްލެވޭ އެއްބާރު ލުމެއް ކަމަށެވެ.

މީގެ އިތުރުން ނަޖީބް ހާން ވިދާޅުވެފައި ވަނީ، ރާއްޖެއަށް ތައާރަފުކުރި ހުރިހާ ޓެކްނޮލޮޖީއެއް ގެނެސްދެމުން ދަނީ ދިވެހިންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ. އެގޮތުން އުރީދޫން 2ޖީ، 3ޖީ، 4ޖީ އަދި 5ޖީ ވެސް ތައާރަފު ކޮށްދެވިފައި ވާ ކަމަށާއި އެގޮތަށް ދުނިޔޭގައި ތައާރަފު ވެގެންދާ ހުރިހާ ޓެކްނޮލޮޖީއެއް ވެސް އުރީދޫން ދިވެހިންނަށް ގެނެސްދޭނެ ކަމަށް ނަޖީބް ވިދާޅުވެފައި ވެއެވެ.