ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުގޮސް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.

ރޭ ކޮވިޑް19 އަށް ރާޖޭގެ ފުރަތަމަ ކޭސް ފެންމަތިވެ އެ ރޯގާއަށް ބޭރުގެ 2 މީހަކު ޕޮސިޓީވްވެ އެ ކޭސް ފެނުނު ޅ. ކުރެއްދޫ ރިސޯޓު އޮތީ އޮރެންޖު އެލާޓުގައެވެ. ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ޕޮސިޓިވް ވީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އެމީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީންކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު މިވަގުތަކީ ރައްޔިތުން ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރެއަށް ދާން ވީ ވަގުތު ނޫން ކަމަށާއި ޑޮކްޓަރުންނާއި އެޗްޕީއޭގެ ގެ ލަފަޔާއި އިރުޝާދަށް އަމަލުކުރަމުން ގެންދިއުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ހަލުވިކަމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅޭ ކަންކަމުގެ ސައްހަ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާ ހިއްސާ ކުރުމާއި، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުން ގެންދިއުމަށް ރައީސް ސޯލިހް ވަނީ ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.

އެގޮތުން ކޮވިޑް 19 އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ސްޕޯކްސަޕާސަނެއްގެ ގޮތުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން އޭނާ ހަމަޖެއްސީ މިހާރު ދިމާވެފައިވާ ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ރާއްޖޭގެ ހާލަތުގެ މައުލޫމާތު ހާމަ ކުރެއްވުމަށެވެ.