ބިލިއަނަކަށްވުރެ ގިނަ އެންޑްރޮއިޑް ޑިވައިސްތައް ހެކް ކުރުމުގެ ފުރުސަތު ހެކަރުންނަށް އެބައޮތްކަމަށް ޓެކްނޮލޮޖީގެ ސިނާއަތުގެ ވޮޗްޑޯގެއްގެ ގޮތުގައި ހަރަކާތްތެރިވާ 'ވިޗް' އިން ހާމަކޮށްފިއެވެ.
ބިލިއަނަކަށްވުރެ ގިނަ ޑިވައިސް ހެކަރުންގެ 'އަތަށް އަރަނީ' އެ ޑިވައިސްތަކަށް އެކަށީގެންވާ ސެކިއުރިޓީ އަޕްޑޭޓްތައް ނުލިބޭތީ ކަމަށްވެސް ވިޗްއިންވަނީ ބުނެފައެވެ.
ނަތީޖާއަކަށް ވާނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރާ އެތައް ބައެއްގެ ޒާތީ މައުލޫމާތު ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިއުމާ، މެލްވެއާ ހަމަލާތައް އަމާޒުވުން ކަމަށްވެސް ވިޗްއިން ބުނެއެވެ.
ވިޗްއިން ބުނާ ގޮތުން ނަމަ ހެކަރުންގެ ހަމަލާތަކަށް ފުރުސަތު ފަހިކުރަނީ 2012 ވަނަ އަހަރާ، އޭގެ ކުރީގެ އަހަރުތަކުގައި އުފައްދާފައިވާ އެންޑްރޮއިޑް ޑިވައިސްތަކަށެވެ. އަދި މިކަމާ ގުޅިގެން ގޫގްލްއިން ދޭ ޖަވާބާ މެދުވެސް އިތުބާރެއް ނެތް ކަމަށް ވިޗްއިން ދަނީ ބުނަމުންނެވެ.
ގޫގްލްގެ ރެކޯޑްތައް ދައްކާ ގޮތުން ނަމަ އެންޑްރޮއިޑް ކަސްޓަމަރުންގެ ތެރެއިން 42.1 ޕަސެންޓް މީހުން މިހާރުވެސް ބޭނުންކުރަނީ އެންޑްރޮއިޑްޓް ވާޝަން 6.0 ނުވަތަ އެއަށްވުރެ ކުރީގެ ވާޝަންތަކެވެ.
އެންޑްރޮއިޑްގެ ސެކިއުރިޓީ ބުލެޓިން ބުނާ ގޮތުގައި އެންޑްރޮއިޑް 7.0 ވާޝަންއަށްވުރެ ދަށުގެ ވާޝަންތަކަށް 2019 ވަނަ އަހަރުގެ ތެރޭގައި ސަލާމަތީ ގޮތުން މައްސަލަތަކެއް ކުރިމަވިކަމަށް ބަޔާންކޮށްފައެއް ނެތެވެ. ކަންމިހެން އޮތް ނަމަވެސް ވިޗްއިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުންދާ ކޮންމެ 5 އެންޑްރޮއިޑް ޑިވައިސްއަކުން 2 ޑިވައިސްއަށް މިހާރު ސެކިއުރިޓީ އަޕްޑޭޓެއް ނުލިބެއެވެ.
ވިޗްގެ ވާހަކަތަކަކީ ހަގީގަތަކަށް ވެއްޖެނަމަ އެއީ ނުރައްކާ ބޮޑު ހާލަތެކެވެ. އަތުގައި އޮތް ފޯނަކީ މި ކެޓަގަރީއަށް ފެތޯ ފޯނެއްތޯ ބަލާލެވިދާނެއެވެ. އަދި އެޅިދާނެ ފިޔަވަޅުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އަތުގައި އޮތް ފޯނަކީ 2 އަހަރަށްވުރެ ގިނަ ދުވަސްވީ ފޯނެއް ކަމަށް ވަނީ ނަމަ، އޮޕަރޭޓިންގް ސިސްޓަމް މެދުވެރިކޮށް އެންޑްރޮއިޑް ވާޝަން އަޕްޓޭޑް ކުރެވޭތޯ ބަލާށެވެ. އެންޑްރޮއިޑް 7.0 ނޫގެޓް އަށްވުރެ ކުރީގެ ވާޝަންއެއް ނަމަ ސިސްޓަމް އަޕްޑޭޓް ކުރެވޭތޯ ބަލާށެވެ.
އަޕްޑޭޓްއެއް ނުލިބޭ ކަމަށް ވާނަމަ ތި ފޯނަކީ ވިޗްއިން އެބުނާ ނުރައްކަލުގައި އޮތް ޑިވައިސްއެކެވެ. ވަކިން ހާއްސަކޮށް އެންޑްރޮއިޑް 4.0 ނުވަތަ އޭގެ ކުރީގެ ވާޝަންއެއް ނަމަ ވަކިން ބޮޑަށެވެ. އެހެންކަމަށް ވަނީ ނަމަ ގޫގްލް ޕްލޭ ސްޓޯ މެދުވެރިކޮށް އެޕްލިކޭޝަންތައް ޑައުންލޯޑް ކުރާއިރު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އެސްއެމްއެސްތަކާ އެމްއެމްއެސްއަށްވެސް ސަމާލުވާންވާނެއެވެ. ގަވައިދުން ޑިވައިސްގެ ބެކްއަޕް 2 ލޮކޭޝަންއަކަށް ނަގާށެވެ. ކްލައުޑުގެ އިތުރުން ހާޑް ޑްރައިވްއަކަށްވެސް ޑިވައިސްގެ ބެކަޕް ނަގަންވާނެއެވެ. އަދި ފޯނަށް ސަޕޯޓްކުރާ އެންޓި-ވައިރަސް އެޕްލިކޭޝަންއެއް އިންސްޓޯލްކޮށް، ގަވައިދުން ބޭނުންކުރާށެވެ.