ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން އއ މަތިވެރީގައި ހަރަކާތްތަކެއް މިއަދު ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެ އޭރިއާ އާއި އއ މަތިވެރި ކައުންސިލް ގުޅިގެން މިއަދު އއ މަތިވެރީގައި ހިންގި ހަރަކާތްތަކުގެ ތެރޭގައ ސިފައިންގެ އަންހެން ޑޮކްޓަރުން ބަލިމީހުން ބެއްލެވުމާއި، އެރަށު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތަކާއި، މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއް ކަމުގައިވާ "ކޮވިޑް19" އަށް ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ހިންގާފައެވެ.

އަދި މަތިވެރިން ހޮވާލެވުނު އަންހެން ޓީމަކާއި އަންހެން ސިފައިންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ހޭންޑް ބޯލް މެޗެއް ކުޅެފައިވާ ކަމަށާއި އެ މެޗް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީއެވެ. އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުވެސް ބައިވެރިވަޑައިގެންފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ހިންގި ހަރަކާތްތަކުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ދީފައިވަނީ ކަރުންމަތީގެ ހާއްސަ ޑޮކްޓާ ފަސްޓް ލެފްޓިނެންޓް ޑރ ތޫހާ ސައީދު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ ފަސްޓް ލެފްޓިނެންޓް ޑރ.ޝިފްލާ އަބްދުލް ލަތީފްއެވެ. އެ ދެ ޑޮކްޓަރުންނަކީވެސް އެމްއެންޑީއެފް ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އަންހެން ސިފައިންގެ ދެ ބޭކަނބަލުންނެވެ.

ބައިނަލް އަގަވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އއ މަތިވެރި ކައުންސިލާއި އެމްއެންޑީއެފުން ގުޅިގެން މަތިވެރީގައި އެ ހިންގި ހަރަކާތްތަކުގައި އެރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.