ހައިކޯޓުގެ ދެކުނު ގޮފީގައި ޝަރީއަތް ހިންގަން ޝަރުއީ ވަފުދު މިއަދު ދެކުނަށް ފުރާފިއެވެ.
ހައި ކޯޓުން ކުރި ޓްވީޓެއްގައި ބުނީ، މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭގެ ދެކުނުގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި ޝަރީއަތްތައް ކުރުމަށް ޝަރުއީ ވަފުދު މިއަދު ފުރާފައިވާ ކަމަށެވެ. އަދ މާދަމާއިން ފެށިގެން މި ހަފުތާގެ ނިޔަލަށް މަސައްކަތް ކުރާ ޝަރުއީ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން އިދާރީ 3 މުވައްޒަފުންނެވެ.
ރާއްޖޭގެ ދެކުނާއި އުތުރުގައި ހައިކޯޓުގެ ދެ ގޮތްޕެއް އެކުލަވާލާފައި ވާއިރު، އެ ދެ ގޮފީގައި ފަނޑިޔާރުންނެއް ނުތިބެއެވެ. ނަމަވެސްް އެ ދެ ގޮފީގައި ވެސް ކޯޓަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި ރަޖިސްޓްރާއިން އަދި އެހެނިހެން މުވައްޒަފުން ތިބެއެވެ. ކުރިން މި ދެގޮފީގައި ވެސް ފަނޑިޔާރުން ތިބޭގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މިހާރު އެގޮތް އޮންނަނީ ބަދަލުކޮށްފައެވެ.
އައްޑޫ ސިޓީގައި ހުންނަ ހައިކޯޓުގެ ދެކުނުގޮފި އަދި ކުޅުދުއްފުށި ސިޓީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފީގައި ހިންގާ މައްސަލަތައް ބަލަނީ މާލެއިން ފަނޑިޔާރުން ޒިޔާރަތްކޮށްގެންނެވެ. އެގޮތުން، އެ ދެގޮފީގައި ހިންގާ މައްސަލަތައް ތާވަލު ކުރުމަށްފަހު، ހަފްތާއެއްހާ ދުވަހަށް ފަނޑިޔާރުން ޒިޔާރަތްކޮށް މައްސަލަތައް ބައްލަވައެވެ.
ދެކުނު ގޮފީގެ މައްސަލަތައް ބެއްލެވުމަށް ފަނޑިޔާރުން މިހާރު ދެކުނަށް ދަތުރު ކުރައްވާފައި ވާއިރު، އެންމެ ފަހުން ފަނޑިޔާރުން އެ ގޮތްޕަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ. އަދިި މިދިޔަ ފެބްރުއަރީ މަސްތެރޭގައި ހައިކޯޓުގެ ފަނޑިޔާރުން ވަނީ އެ ކޯޓުގެ އުތުރު ގޮތްޕަށް ވެސް ޒިޔާރަތްކުރައްވާ މައްސަލަތައް ބައްލަވާފައެވެ.