އައްސޭރި ޖަލުގައި ހަމަނުޖެހުމެއް ހިނގާ 3 އޮފިސަރަކަށް އަނިޔާވެއްޖެ ކަމަށް ހަބަރު ލިބިއްޖެއެވެ. މިހާރު އެ 3 އޮފިސަރުން މާލެ ގެނެސް ފަރުވަ ދެމުން ދާ ކަމަށްވެސް ދާދި ދެންމެ ހަބަރު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ޖަލުގައި ހަމަނުޖެހުން ހިނގީ، ގައިދީން ގެންގުޅުނު 2 ފޯނެއް ނެގުމަށް ޖަލުގެ އޮފިސަރުން މަސައްކަތް ކުރުމުންނެވެ. ޖަލު އޮފިސަރުން ފޯނު ނެގުމަށް މަސައްކަތް ކުރުމުން، ގައިދީން އޮފިސަރުންނަށް ހަމަލާ ދިނީކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ޙާދިސާގައި 3 އޮފިސަރަކަށް އަނިޔާވެފައި ވާއިރު އެކަކުގެ ނޭފަތްމަތި ފަޅައިގެން ގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެ ގަޑިއެއްހާ އިރު ކުރިން ހިނގި މިހާދިސާ މިހާރު ކޮންޓްރޯލް ކޮށްފައި ވި ނަމަވެސް، ހަމަނުޖެހުން ހިނގި އިރު ގިނަ އަދަދެއްގެ ގައިދީން ތިބި ކަމަށާއި، އެމީހުން ކޮންޓްރޯލް ކުރީ އެމަޖެންސީ ސަޕޯޓު ގްރޫޕު ގޮސް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި ގައިދީ އަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.