ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލައަކީ، އެކަންކަމުން ލިބޭ ގެއްލުމުގެ ނުރަނގަޅު އަސަރު އެ ކުދީންގެ މުޅި ހަޔާތަށް ދެމިގެންދާ ބޮޑެތި މައްސަލަތަކެއް ކަމަށާއި، އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މިފަދަ ކަންބޮޑުވާ މައްސަލަތައް ހައްލު ނުކުރެވޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ސެލެބްރޭޓިން އަ ޑިކޭޑް އޮފް ޑިފަރެންސް" ގެ ނަމުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ހަވީރު ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ ހަރުދަނާކަމާއެކު މަސައްކަތް ކުރެއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ގޮވައިލައްވާފައެވެ. އަދި، ކަމާއިބެހޭ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ދާއިރާގެ ފަންނީ ބޭފުޅުން މަދުވުމަކީ އެއް މައްސަލަ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ އަދި ޖަމާއަތްތަކުގެ ދައުރު އިތުރަށް ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ، ކުޑަކުދިންނަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލުވުމުގެ މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށާއި، އެ ކޮމިޝަނުގެ މަސައްކަތަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެހެނިހެން ގަވާއިދުތަކުގެ ދަށުން، ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެކަމުގެ ފުރިހަމަ ދިރާސާއެއް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު މިދިޔަ އަހަރުގެ ތެރޭގައި ތަސްދީގުކޮށް، މިހާރު އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެއާއެކު ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކޮށްފައިވާ ކަމާއި، އަންހެނުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ސީޑޯ) ގެ 16 ވަނަ މާއްދާއަށް، ދިވެހި ދައުލަތުގެ ފަރާތުން މީގެ ކުރިން ކޮށްފައި ހުރި ބައެއް އިއުތިރާޒްތައް، އަނބުރާ ނަގައިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ރަސްމިއްޔާތުގައި 2019 ވަނަ އަހަރު އެޑްވޮކޭޓިންގް ދަރައިޓްސް އޮފް ޗިލްޑްރަންގެ ކޯޕަރޭޓް އެމްބަސެޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އެޖަމްއިއްޔާގެ ފަރާތުންވަނީ ހަނދާނީ ފިލާދެއްވާފައެވެ.