ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކައުންސިލް އިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެޕާޓީން ވަކި ކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން ވާދަކުރާ ކޮންމެ ފަރާތެއް ވަކި ކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ބައެއް ފަރާތްތަކުން އެފަދައިން އަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހު ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ކެންޑިޑޭޓުންގެ ތެރެއިން އެގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދުވެސް އެ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިހާބުގައި 982 ކެންޑިޑޭޓުން އިންތިހާބުކުރަން ޖެހެއެވެ. އެ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. އެމްޑީޕީން މިހާރުވެސް ވަނީ އިންތިހާބަކާއި ނުލާ ކައުންސިލް އިންތިހާބުގެ 13 ގޮނޑި ކަށަވަރުކޮށްފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތެރެއިން 71 ކެންޑިޑޭޓުން ވަނީ އިންތިހާބަކާ ނުލައި ގޮނޑި ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ރަށަކާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކެވެ. ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ ފިޔަވައި މާލޭގެ 10 ގޮނޑި އަދި އައްޑޫގެ ދެ ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ.