މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބާރުގެ ބޭނުންކޮށްގެން ތަންތަން ވަންނަން ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ފުލުހުން މިއަދު ބޭނުންކުރަން ފަށައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮޕަރޭޝަންތަކަށް ޒަމާނީ އާލާތްތަކެއް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އުނދަގޫކޮށް މަސައްކަތް ކުރަމުން އަންނަ ފުލުހުންނަށް އާ ތަކެއްޗާއެކު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ފުލުހުން މިއަދު ބޭނުންކުރަން ފެށި އާލާތްތަކުގެ ތެރޭގައި ދޮރު ހުޅުވުމަށާއި ދޮރު ވައްޓާލުމަށް ބޭނުންކުރާ ހައިިޑްރޯލިކް އިކްއިޕްމެންޓަކާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ޒަމާނީ އިކްއިޕްމެންޓްތައް ހިމެނެއެވެ. މިއީ އޮޕަރޭޝަންތަކުގައި ފުލުހުންނަށް ތަންތަނަށް ވަނުމުގައި ވަގުތު ސަލާމަތްކޮށްދޭނެ އެއްޗެކެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަނީ ވަރަށް އޯގަނައިޒްޑް ކޮށެވެ. މިދިޔަ ޑިސެމްބަރު މަހު ފުލުހުން ވަނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ގިނަ ތަންތަނެއް ރެއިޑްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ހޯދައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ.

އެގޮތުން މަސްތުވާތަކެތީގެ މަރުކަޒުތަކެއްގެ ގޮތުގައި ބެލެވޭ ފަސް ގެއެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ވަނީ، ގ. ޕެލިކަން، ގ. މެމަރީވިލާ، މއ. ބޯކެޔޮގަސްދޮށުގެ އަދި މ. އެވަރެސްޓްއާގެ އަދި މ. ލޮނުމިދިލިގެ އެވެ. އެ ގެތަކުން ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު ތަކުރާރުކޮށް އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.