މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ހިނގި މާރާމާރިއެއްގައި ދެ ޑޮކްޓަރުންނަށް އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތުދެމުން ފުލުހުން ބުނީ، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ތެރޭގައި އިންޑިއާ ޑޮކްޓަރަކާއި ނޭޕާލް ޑޮކްޓަރަކާއި ދެމެދު ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ހިނގި މާރާމާރިއެއްގައި ދެ ޑޮކްޓަރުންނަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި ހަމަނުޖެހުމުގެ ތެރެއިން ދެ ޑޮކްޓަރުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، މި ދެ ޑޮކްޓަރުންގެ ދެމެދުގައި މާރާމާރި ހިންގައިގެން، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ޑޮކްޓަރުން ވެސް ތިބީ އޮޕަރޭޝަން ތިއޭޓަރުގައި އަޅާ ހެދުމުގައެވެ. އަދި ދެ މީހުންގެ މޫނު މަތިން ފަޅައިގެންގޮސް، ލޭ އަންނަ މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.