މިނިވަން ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުން މަޖިލީގުގައި ބޭއްވި ބައްދަލުވުމުގައި ސިޔާސީ ވެރިންނަށާއި ބޮޑެތި މަހުޖަނުންނަށް އާންމު މީހުންގެ ފަރަތުން ވާހަކަދެއްކި ފާތިމަތު ސާއިރާ ދިން މެސެޖާއި ރައްދުން އެތަށް ބައެއްގެ ތައުރީފު ވަނީ ސާއިރާއަށް ލިބިފައެވެ.

ރޭގެ ޖަލްސާގައި މަޖިލީހުގެ ގިނަ މެންބަރުންނާއި ވިޔަފާރިވެރިން ބައިވެރިވެފައިވާއިރު އެމީހުންގެ ކުރިމަތީ ސާއިރާގެ ވާހަކަތައް ފެށީ ސުވާލުތަކަކާ އެކެވެ. އިގްތިސޯދުގެ ވާހަކައާއި ވިޔަފާރީގެ ވާހަކަތަކުންނެވެ.

އިގްތިސޯދުގެ ވާހަކަ މިތާ ވަރަށް ގިނައިން ދެއްކިއްޖެ، އަޅުގަނޑު އަހާލަން ބޭނުން ކާކުގެ އިގްތިސޯދެއްގެ ވާހަކަތޯ މި ދައްކަނީ؟، އިގުސޯދަކީ ވަކި ބައެއްގެ ވިޔަފާރި ފައިދާއަށް ކިޔާ ނަމެއްތޯ ނޫނީ ރައްޔިތުންގެ ވެލްބީން އާއި ރައްޔިތުންނާ ވެސް ގުޅޭ ގޮތަކަށް ކިޔާ ނަމެއް ނޫންތޯ އެއީ؟
ފާތިމަތު ސާއިރާ

ސާއިރާ ބުނި ގޮތުގައި އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރި މީހެއް ކަމަށާއި އޭނާގެ ފިރިމީހާއަކީ ވެސް އުމުރުން ވަރަށް ކުޑައިރުން ފެށިގެން އެ ދާއިރާގައި އުޅޭ މީހެއް ކަމަށެވެ. ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށް ދަރިން ކައިރިއަކަށް ނާދެވޭ ކަމަށާއި އާއިލާއާއެކު ވަގުތު ހޭދަ ނުކުރެވޭކަމަށާއި އެއީވެސް ހަމަ އިންސާނީ ހައްގުތަކެއް ކަމަށްބުނެ ސާއިރާ ވަނީ ވާހަކަދައްކާފައެވެ.

އެއަަށްފަހު ސާއިރާގެ ކަންބޮޑުވުން ފާޅުކުރީ ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހްމަދު އީސާއާމެދެވެ. އީސައަކީ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިން ރިޕްރެޒެންޓްކުރުމަށް ހުންނެވުމަށްފަހު މިހާރު މަޖިލީހަށް ވަޑައިގެން މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ ވާހަކަ ދައްކަން ހަވާލު ކުރާ ބޭފުޅުން ވިޔަފާރިވެރިން ރިޕްރެޒެންޓްކޮށްފައި ވާހަކަ ދައްކަވާތީ ވަރަށް ދެރަވާކަމަށް ބުނެ ސާއިރާ ވަނީ ބަހުގެ ހަމަލާތަކެއް ދީފައެވެ.

އަޅުގަނޑު ވަރަށް ދެރަވޭ އީސައަކީ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިން ރިޕްރެޒެންޓްކުރުމަށް ހުންނެވުމަށްފަހު މިހާރު މަޖިލީހަށް ވަޑައިގެން މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅެއް، އަޅުގަނޑު ވަރަށް ހިތާމަ ކުރަން އެކަމާ، އަޅުގަނޑުމެން ރައްޔިތުން އެންމެ އިތުބާރުކޮށްފަ ރައްޔިތުންގެ ވާހަކަ ދައްކަން ހަވާލު ކުރާ ބޭފުޅުން ވިޔަފާރިވެރިން ރިޕްރެޒެންޓްކޮށްފަ ވާހަކަ ދައްކަވާތީ ހަގީގަތުގައި ވަރަށް ދެރަވޭ
ފާތިމަތު ސާއިރާ

ސާއިރާގެ ވާހަކަތަކަށް އާންމުން އަތް ޖަހަމުން ދިޔައިރު އީސަ އިންނެވީ ހިނިތުންވެ އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ.

ސާއިރާ ދެން ރައްދު ދީފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ މަޓީ އަދި މަސީއަށެވެ. އެތަނުގެ އިސް ބޭފުޅުން ތިއްބެވި އެ ޖަލްސާގައި ސާއިރާ ބުނެފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ކުލި ކޮންޓްރޯލް ކުރުމަށް ދެކޮޅު ހެދި ގޮތަށް މިހާރު އެންމެ ކުޑަ އުޖޫރަ ދިނުމާމެދު ދެކޮޅު ހަދަމުންދާތީވެސް ހިތާމަ ކުރާ ކަމަށެވެ.

ރައްޔިތުންގެ ހުރިހާ އަސާސީ ހައްގަކަށް ފައިން އަރަން މަޓީ އާއި މަސީއިން ފައި ވިއްދާފައި ތިބިކަން ފާހަގަކުރާ ކަމަށާއި ސަރުކާރުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށް އޭނާ ދެކޭ ކަމަށް ސާއިރާ ވަނީ ބުނެފައެވެ. އަދި ވާހަކަ ދައްކަން ޖެހޭނީ ބޮޑެތި ވިޔަފާރިވެރިންގެ ހައްގުގައި އެކަނި ނޫން ކަމަށާއި، ރައްޔިތުންގެ ހައްގުގެ ވާހަކަ ދެއްކުމަކީ ސޯޝަލިސްޓްވުމެއް ނޫން ކަމަށް އޭނާ ބުނެއެވެ. މި ދައްކަނީ އިންސާނީ ހައްގުތަކެއްގެ ވާހަކަ ކަމަށާއި ރާއްޖޭގައި އިންސާނީ ހައްގާއި ޑިމޮކްރަސީ ދެކެނީ ވަރަށް ހަނި ގޮތެއްގައި ކަންވެސް ސާއިރާ ވަނީ ފާހަގަ ކޮށްފައެވެ.

އަޅުގަނޑުމެން ރައްޔިތުންގެ ހުރިހާ އަސާސީ ހައްގަކަށް ފައިން އަރަން މަޓީ އާއި މަސީއިން ފައި ވިއްދާފައި ތިބިކަން ފާހަގަކުރަން، ސަރުކާރުން މިކަން ހުއްޓުވަން ޖެހޭ، ބޮޑެތި ވިޔަފާރިވެރިންގެ ހައްގުގައެއް ނޫން ވާހަކަ ދައްކަންވީ،" ސާއިރާ ބުންޏެވެ. "ރައްޔިތުންގެ ހައްގުގެ ވާހަކަ ދެއްކުމަކީ ސޯޝަލިސްޓްވުމެއް ވެސް ނޫން ކޮމިއުނިސްޓްވުމެއް ވެސް ނޫން، އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ހައްގުތަކެއްގެ ވާހަކަ، ރާއްޖޭގައި އިންސާނީ ހައްގާއި ޑިމޮކްރަސީ ދެކެނީ ވަރަށް ހަނި ގޮތެއްގައި
ފާތިމަތު ސާއިރާ

ސާއިރާ އިތުރަށް ބުނީ ހަމައެކަނި ފަސް އަހަރުން އެއް އަހަރު ވޯޓުލުމަކީ ޑިމޮކްރަސީއެއް ނޫންކަމަށާއި އާންމު ރައްޔިތުންގެ ބައިވެރިވުން ކޮންމެ ކަމެއްގައި ވެސް އޮންނާނެ ކަމަށާއި އެކަމުން ދިރިއުޅުމަށް އަސަރުކުރާ ކޮންމެ ކަމެއްގައި އާންމުންގެ ބަހެއް ބޭނުންވާން ޖެހޭނެ ކަމަށެވެ.

އަދި އަސާސީ ހައްގަކީ ހަމައެކަނި ޖަލަށްލުމާއި ޖަލުގައި ނުތެޅުން ނޫން ކަމަށާއި ރައްޔިތުން މަސައްކަތް ކުރާ ވަގުތު ކުޑަވާން ޖެހޭ ކަމަށެވެ. އާއިލާއާއެކު ވަގުތު ހޭދަ ކުރެވެން ޖެހޭނެ ކަމަށާއި އިގްތިސޯދާއެކު އަންނާނެ ކުރިއެރުންތަކާއެކު ރަނގަޅު ޖީލެއް ނުއުފެއްދުމަކީ ދައުލަތަށް ލިބޭނެ ގެއްލުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި "އިކޮނޮމިކް ފެކްޓާ" އަކުން ބަލަންޏާ ބަލި ކުދިންނާއި މަސްތުވާތަކެއްޗަށް ގޮސް ތިބި ބައިވަރު ކުދިން ތިބުމަކީ ދައުލަތަށް ލިބޭ ކިހާ ބޮޑު ބުރައެއްތޯވެސް ސާއިރާ ވަނީ ސުވާލު އުފައްދާފައެވެ.

ކުލި ކޮންޓްރޯލްވުމާއި ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ސަރުކާރަށް އޮންނަ ބުރަ ކުޑަވާނެ ކަމެއް، އިގްތިސޯދު ރަނގަޅުވާނެ ކަމެއް، ރަނގަޅު ކަންކަމަށް އެމީހުން ހަރަދު ކުރާނެ، ޓްރެވެލް ކުރާނެ، ހަމައެކަނި މަޓީ އާއި މަސީގެ އިންޓްރެސްޓް، މިނިމަމް ވޭޖް ބޯޑް ވެސް ޕްރޮޓެކްޓްކުރިކަން އަޅުގަނޑު ފާހަގަކުރަން، މަސައްކަތްތެރިންނަށްވުރެ އެ ބޯޑްގައި ގިނައީ މަސީ އާއި މަޓީގެ މީހުން
ފާތިމަތު ސާއިރާ

ސާއިރާގެ ވާހަކަތައް ނިންމާލުމުން އީސާ ވާހަކަ ދައްކަވާ ވިދާޅުވީ އޭނާ މިހާރު ތަމްސީލް ކުރައްވަނީ މަސައްކަތްތެރިން ނޫން ކަމާއި އޭނާއަކީ ވެސް މަސައްކަތްތެރިއެއް ނޫން ކަމަށެވެ. އޭނާގެ ދާއިރާގައި އެންމެ ކުޑަ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިވެރިން ވެސް އެބަތިބި ކަމަށެވެ. ކުރިން ހަމައެކަނި މަސަކަތްތެރިންގެ ހައްގުގައި ވާހަކަ ދެއްކިޔަސް މިހާރު ވަކާލާތު ކުރައްވާނީ ދެ ފަރާތުގެ ވެސް ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އީސާގެ އެ ވާހަކަތަކާއެކު ސާއިރާ ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު، ސާއިރާއަށް އީސާ ރައްދު ދިނުމުން އެގޮތަށް އެކަން ނުކުރުމަށް އެ ބައްދަލުވުމުގައި ތިއްބެވި އެހެން ބޭފުޅުން އީސާއާ ވާހަކަ ދެއްކެވުމުން ފަހުން އީސަ ވަނީ ވާހަކަ ހުއްޓަވާ ލައްވާފައެވެ.

ސާއިރާގެ ވާހަކަތަކާ ގުޅިގެން އީސާ ނުރުހުންވީ ނަމަވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސައިރާއަށް ތައުރީފުކޮށްފައެވެ. އެގޮތުން ގިނަ މީހުން ބުނަމުންދަނީ އާންމުންގެ ހައްގުގައި ވާހަކަ ދެއްކުމަށް ބޭނުން ވަނީ އެފަދަ ކެރޭ މީހުން ކަމަށާއި އެފަދަ ދެ މީހަކު ނުކުމެއްޖެނަމަ ގައުމުގެ މައްސަލަތައް ހައްލު ކުރަން އުނދަގޫ ނުވާނެ ކަމަށެވެ.