ބ. ދަރަވަންދޫ އަތިރިމަތި ހިމާޔަތް ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ދަރަވަންދޫ އަތިރިމަތި ހިމާޔަތް ކުރުމަށް ގޮވާލައި ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅާފައި ވަނީ އެރަށުގެ އަތިރިމަތި އާދަޔާ ހިލާފަށް ގިރަމުންދާތީއެވެ. އެގޮތުން، އެރަށުގެ އަތިރިމަތި ގިރަމުންދާތީ، އެރަށުގެ ގޮނޑުދޮށުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ދަތިވަމުން ދާތީ، އެކަމަށް ހައްލެއް ހޯދާ ދިނުމަށް އެ ޕެޓިޝަނާއެކު ހުށަހެޅި ސިޓީގައިވެއެވެ.

ޕެޓިޝަނާއެކު ހުށަހެޅި ސިޓީގައި ވަނީ، ދަރަވަންދޫ އަތިރިމަތިން ގިރާ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ގޮތުގައި ބޭނުން ހިފޭނެގޮތް ހަދައި ދިނުމަށް އެދިފައެވެ. މި ސިޓީ ހުށަހަޅުއްވާފައި ވަނީ ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނެވެ.

ދަރަވަންދޫގައި ހިމާޔަތް ކުރުމަށް އެދިފައި ވަނީ ހުޅަނގުކޮޅު އުތުރު ފަރާތުގެ ރަސްއޮޑި އަތިރިމަތި ނުވަތަ ވެލިމަލަ އެވެ.

250 މީހުންގެ ސޮއިއާއެކު ހުށަހެޅި މި ޕެޓިޝަނާއެކު މަޖިލީހަސް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި، ދަރަވަންދޫ އަތިރިމައްޗަކީ ދަތުރުވެރިންނާއި ފަތުރުވެރިން އަދި ރަށުގެ އާންމު ރައްޔިތުން ވެސް މޫދަށް އެރުމާއި މޫދުގެ ކުޅިވަރުތަކަށް ނުހަނު ގިނައިން ބޭނުން ކުރާ ތަނެއް ކަމަށެވެ. އަދި ގޮނޑުދޮށުގެ ބޭނުން ހިފާލެއް ބޮޑުވަމުން ދިއުމާއެކު ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށުގެ މީހުން، މޫދަށް އެރޭ ސަރަހައްދު އާދަޔާ ހިލާފަށް ގިރަމުންދާ ކަމަށް އެ ސިޓީގައި ވެއެވެ.