ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވުމާ ގުޅިގެން އެމީހާގެ މައުލޫމާތު ސާފު ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭން ބުނީ، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމީހާގެ މައުލޫމާތު ޗިލީގެ ކަމާބެހޭ ފަރާތްތަކުން ސާފު ކުރަމުންދާ ކަމަށާއި، އެމީހާގެ ޓްރެވެލް ހިސްޓްރީވެސް އިތުރަށް ސާފު ކުރަމުންދާ ކަމަށް އެންޑީއެމްއޭން ބުނެއެވެ.

ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ޗިލީއަށް ދިޔަ މީހާއަކީ އެގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ކަމަށެވެ. ޗިލީގެ ކަމާބެހޭ ފަރާތްތަކާއި ހަާލާދީ ޝިންހުއާއިން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެގައުމުގެ ޓަލްކާ ސިޓީގައި ހުރި 33 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއަށް ފަރުވާ ދެމުންދާ ޓަލްކާ ހޮސްޕިޓަލާ ހަވާލާދީ، ޝިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައި ކަމަށެވެ. އަދި އޭނާ ޗިލީއަށް ދިޔައީ މިދިޔަ މަހު 25 ވަނަ ދުވަހު ކަމަށާއި ކޮވިޑް-19ގެ އަލާމާތްތައް އޭނާގެ ކިބައިން ފެންނަން ފެށީ މިމަހު 1 ވަނަ ދުވަހު ކަމަށް ވެސް ޝިންހުއާއިން ބުނެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.