ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މިޔަރަކުން ލިބިދާނެ ގެއްލުމަކަށް ވުރެ ކާއްޓަކުން ޖެހުމުގެ ނުރައްކާ މާ ބޮޑު ކަމަށް ރިވިއުއިން ދައްކާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެއްޅުއްވި ގަރާރުގައި ރާއްޖޭގެ "ޓެރިޓަރީގައި" މީގެކުރިން އުޅުނު މިޔަރުތަކަކީ އިންސާނުންނަށް ގެއްލުންދޭ މިޔަރުތަކަކަށް ނުވި ނަމަވެސް މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައި އުޅެމުންދާ މިޔަރުތަކަކީ އެތަކެތީގެ ސަބަބުން އިންސާނުންނަށް އަދި ކަނޑުގެ އެހެން ދިރޭ ތަކެއްޗަށް ނުރައްކަލެއް ކަމަށް ވެއެވެ.

މި ގަރާރަށް ހުލުވާލި ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެކިއެކި ރިވިއުތަަކަށް ބަލާލިއިރުގައި ގުދުރަތީ މާހައުލަކުން ރާއްޖެއަށް އަންނަ ފަތުރުވެރިއަކަށް ލިބިދާނެ ގެއްލުން ބަޔާންކޮށްފައި އޮންނަ އިރުގައި، ކާއްޓަކުން ޖެހުމުގެ ނުރައްކާ މާ ބޮޑުކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ކާބޯތަކެތި ހޯދަން މިދެވެނީ މިޔަރާ އެއްސިފުރާއެއްގެ މައްޗަށް. މިޔަރުވެސް ކާބޯތަކެތި ހޯދަން އުޅޭ ސަރަހައްދުތަކަށް އަޅުގަޏޑުމެންނަށްވެސް މިދެވެނީ. އެހެންވީމަ މިޔަރެއް މަހެއްގެ ބައެއް ކާލައިގެން އޭގެ އެއްބުރި އަޅުގަނޑުމެންނަށް ބޭނިގެން އެކަމާ ހައިރާންވެގެން އުޅޭކަށް ނުޖެހޭނެ. އެއީ މިޔަރުގެ ކާނާ."
އަހުމަދު ސަލީމް

އެގޮތުން އެފަދަ ކަންކަން ދިވެހިންނަށް ތަޖުރިބާ ކުރެވިފައިހުރިކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ރުކަކުން ވެއްޓޭ ކާއްޓަކުން ޖެހި މީހުންގެ ފުރާނައަށް ގެއްލުންވެފައި ހުރިކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ރުއްތަކެއް ކަނޑާ ގޮތަށް މި މަޖިލީހަށް ގަރާރެއް ހުށަހަޅާ ބަހުސް ކުރަންވެއްޖެ ނަމަ މިކަމުގައި ދެވޭ މިސްރާބަކީ ކޮބައިތޯ ސަލީމް އައްސެވިއެވެ.

ހަމައެއާއެކު ދިވެހިން ކާބޯތަކެތި ހޯދަން މިދަނީ މިޔަރާ އެއް ސުފުރާގެ މައްޗަށް ކަަމށާއި މިޔަރުގެ ކާނާ ނުވަތަ ކާބޯތަކެތި ހޯދަން އުޅޭ ސަރަހައްދަށް މަހަށް ގޮސް ބޭނެ މަހުގެ އެއްބުރި މިޔަރު ކާލާފައި އޮތުމުން ހައިރާން ވާން ނުޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

"17 އާއިލާއަކަށް ނިސްބަތްވާ 40 ބާވަތުގެ މިޔަރު އެބައުޅޭ. ދިވެހިރާއްޖެ ވެފައި މިވަނީ ދުނިޔޭގެ ނިސްބަތުން މިޔަރުގެ އާބާދީގެ ދުޅަހެޔޮކަން އޮތް އަދި މިޔަރުގެ ބާވަތްތައް މުއްސަނދި ގައުމަކަށް"
އަހުމަދު ސަލީމް

ދުނިޔެއިން ނެތެމުން މިދާ ބާވަތުގެ އެއްޗެހީގެ ތެރެއިން ހާއްސަކޮށް މިޔަރު ބަލަހައްޓުމާއި މިޔަރު ނެތިގެން ނުދާނެ ގޮތަކަށް ކަންކަން ބެލެހެއްޓުމަކީ ދިވެހިންގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ތިން ބައިކުޅަ އެއްބައި ފަތުރުވެރިން ބުނާ ގޮތުގައި ރާއްޖެއަކީ މިޔަރަށް އޮތް ރައްކާތެރި ރަނގަޅު މާހައުލެއް ކަމަށެވެ.

ހަމައެއާއެކު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަންނަ 72 ޕަސެންޓް ފަތުރުވެރިން އިހްތިޔާރު ކުރަނީ މިޔާރު ދިރިއުޅޭ ސަރަހައްދާ ގާތުގައި ހުންނަ ގެސްޓްހައުސެއްގައި ހުރުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

"މި މުޅި ސިނާޔަތު ބިނާވެފައި ވަނީ މިޔަރަށް، މިޔަރު ދެއްކުމަށް، މިޔަރު ނެތި 154.83 މިލިއަން ޑޮލަރުގެ ޑައިވް އިންޑަސްޓްރީ ނެތިދާނެ. ހަލާކުވެދާނެ. އެ ހުރިހާ ވަޒީފާ ތަކެއް ގެއްލޭނެ."
އަހުމަދު ސަލީމް

މީގެ އިތުރުން ޑައިވިންގް އިންދަސްޓްރީއަށް އަލިއަޅުއްވާލައްވަމުން ސަލީމް ވިދާޅުވީ، ޑައިވް ސްކޫލްތަކާއި ޑައިވިން ސެންތަރުތައް ހިންގައިގެން އަހަރެއްގެ މައްޗަށް 154.83 މިލިއަން ޑޮލަރު ހޯދޭކަމަށެވެ. މިޔަރު ނައްތާލައިފިނަމަ ޑައިވިން އިންޑަސްޓްރީ ނެތިގެން ދާނެ ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާވެސް ގެއްލިގެން ދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތަކުގައި މިޔަރު މާބޮޑަށް ގިނަވެގެން މިޔަރު ހިފުމަށާއި މެރުމަށް ހުށަހެޅި ގަރާރުގައި ހުރި ކަންތައްތަކަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެއީ މުޅި ރާއްޖެއަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ވާހަކައެއް ކަމަށެވެ. އަދި އެފަދަ ގަރާރެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ވާހަކަ ދެއްކެވުމަކީ ސަލީމް ގަބޫލުނުކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.