އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ފަސް މީހަކު ކުރިމަތިލައްވައިފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ވިދާޅުވީ އެ މަގާމަށް އާންމުންގެ ތެރެއިން މީހުން ކުރިމަތިލާން މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަސް ފަރާތަކުން ކަމަށެވެ.

މީގެ ކުރިން ވެސް ދެ ފަހަރަކަށް އިއުލާން ކުރި ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން އިއުލާން ކުރީއެވެ. މިފަހަރު ކުރިމަތިލީ މީހުންގެ ނަންނަށް ވަނީ މަޖިޮލީހުގައި އިއުލާން ކޮށްފައެވެ.

  1. އާމިނަތު އުއްމު ކުލްސުމް، މޫންލައިޓް ހައުސް / ސ. މަރަދޫ

2. އަލީ މުހައްމަދު މަނިކު، ދަފްތަރު ރ.ސ 1151

3. އާދަމް މިގްދާދް، ހ. ރޯޒްމެރީ

4. އަހްމަދު މިޒްމާދް، މއ. ލޫބީން

5. އަހްމަދު ނަސީރު، އާބާދުވިލާ / ސ. މީދޫ

އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ. ނަޝީދު ވަނީ ޖުޑީޝަރީ ކޮމިޓީން އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންގޮސް ނިންމަވާ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޖޭއެސްސީގައި އާންމުންގެ ފަރާތުން މިހާރު އިންނަވަނީ، އަބްދުލް ހަންނާން އަހުމަދެވެ.