ދުނިޔޭގެ އެކި ހިސާބުތަކުގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ 'ދަ މެންހަޓަން ފިޝް މާކެޓް'، ގިނަ ބަދަލުތަކާއެކު އަލުން ހުޅުވަން ތައްޔާރުވެއްޖެއެވެ.

ވޯލްޑްވައިޑްކޮށް، މެންހަޓަންގެ ހުރިހާ އައުޓްލެޓަކަށް އައި ބަދަލުތަކުގެ ތެރޭގައި ހުރިހާ އައުޓްލެޓްތަކުގެ އެތެރޭގެ ޑިޒައިންތައް ބަދަލުވެގެން ދާއިރު، މެންހަޓަން އިން ވަނީ ޖެނެރޭޝަން 7ގެ މެނޫ ތައާރަފް ކުރުމަށް ވެސް ތައްޔާރުވެފައެވެ. އެގޮތުން، މި ބަދަލުތަކާއެކު މެންހަޓަން އަލުން ހުޅުވުމަށް ހަމަޖެހިފައި ވަނީ މާދަމައެވެ.

މެންހަޓަނުން އަލަށް ތައާރަފް ކުރާ މެނޫއާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން، ރާއްޖޭގެ އައުޓްލެޓް ހިންގާ ފަރާތް ކަމަށްވާ އިބްރާހިމް ނައީމް ބުނީ، އަލަށް ތައާރަފްކުރި މެނޫ ތައްޔާރު ކޮށްފައި ވަނީ، ކުރިން ގެންގުޅުނު ޖެނެރޭޝަން 5ގެ މެނޫއަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ކޮމެންޓްތަކުގެ އަލީގައި ކަމަށެވެ. ނައީމް ބުނީ، މި މެނޫގައި ހިމެނޭނީ މުޅިން ތަފާތު، އާ ކެއުންތަކެއް ކަމަށެވެ.

މި މެނޫގައި ކޮންމެ ގައުމަކަށް ތަފާތު ސަފުހާއެއް އޮންނާނެއެވެ. "ކަންޓްރީ ޑިލައިޓް" ގެ ނަމުން ނަން ދީފައިވާ އެ ސަފްހާއަކީ އެގައުމެއްގެ ސަގާފަތާއި ގުޅުން ހުރި 3 ކެއުމަކަށް ހާއްސަ ކުރެވިފައިވާ ސަފްހާއެކެވެ. އެގޮތުން، ރާއްޖޭގެ "ކަންޓްރީ ޑިލައިޓް" ސަފްހާގައި ހުންނަ ކެއުންތަކުގެ ތެރޭގައި ހިމެނެނީ މަސްބަތާއި، ހަނާކުރި ބޯވަ ވިތް ރޮށި އަދި ހަނާކުރި ބޯވަ ވިތް ގާލިކް ހާބް ރައިސް ކަމަށް ނައީމް މައުލޫމާތުދެއެވެ.

ދަ މަންހަޓަން ފިޝް މާކެޓް: ރިނޮވޭޝަންތަކާއި އެކު އަލުން ހުޅުވަން ތައްޔާރުވެފައި / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މެންހަޓަން އަލަށް ތައާރަފް ކުރާ މެނޫގައި، ފްރެންޗް ފްރައިސްގެ ބަދަލުގައި ހުންނާނީ، 'ހޭންޑް ކަޓް ޗިޕްސް' ކަމަށް ނައީމް ބުނެއެވެ. އޭނާ ބުނީ، މި ޗިޕްސް އަކީ ރޯ އަލުވިން ތާޒާކޮށް ތައްޔާރުކޮށްފައި ހުންނަ ޗިޕްސް ކަމަށެވެ. އަދި ކަސްޓަމަރު ޗިޕްސް ޕޯޝަނަކަށް އޯޑާ ކުރުމަށް ފަހު، އެ ހުސްވުމުން އިތުރަށް ބޭނުންވާ ނަމަ، ފްރީކޮށް ރީފިލް ކޮށްދޭނެ ކަމަށް ވެސް އޭނާ ބުނެއެވެ.

ނައީމް ބުނީ، މިފަހަރުގެ މެނޫގައި ކުކުޅުގެ ބާވަތްތައް ތަންކޮޅެއް އިތުރުކޮށްފައި ހުންނާނެ ކަމަށެވެ. އަދި ރާއްޖެއަކީ މައިގަނޑު ގޮތެއްގައި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ސީފުޑް ބޭނުން ކުރާ ބައެއް ކަމަށާއި، ކުކުޅަކީ ވެސް ގިނަ ބަޔަކަށް ކަމުދާ އެއްޗެއް ކަމަށެވެ. އެހެންކަމުން، ސީފުޑާއި ކުކުުޅުގެ ކެއުންތައް އެއްކޮށްފައި ވެސް އާ މެނޫގައި ހުންނާނެ ކަމަށް ނައީމް ބުނެއެވެ.

ދަ މަންހަޓަން ފިޝް މާކެޓް: ރިނޮވޭޝަން ހަދާ ނިންމާފައި / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އާ ބަދަލުތަކާއެކު، މެންހަޓަނަށް ސިގްނޭޗާ 6 ސޯސްއެއް ވެސް ތައާރަފް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މި ސޯސްތަކަކީ ކަސްޓަމަރުން ބޭނުން ވަރަކަށް އަމިއްލައަށް ގޮސް ނެގޭގޮތަށް ހުންނަ އެއްޗެއްސެވެ. އަދި ކަޓްލަރީސް ފަދަ ތަކެތި ވެސް ކަސްޓަމަރުން އިތުރަށް ބޭނުން ނަމަ، އަމިއްލައަށް ގޮސް ނެގޭ ގޮތަށް ހުންނާނެއެވެ.

މެންހަޓަން ފިޝް މާކެޓްގައި ހުންނަނީ ވަރަށް ވެސް ތަފާތު ކެއުންތަކެކެވެ. ނަމަވެސް، މި ކެއުންތަކަކީ އެންމެ އާދައިގެ މީހާއަށް ވެސް ހިތްހަމަޖެހިލައިގެން ކާލެވޭ ފެންވަރުގެ އަގުތަކުގައި ހުންނަ ކެއުންތަކެއް ކަމަށަ ނައީމް ބުނެއެވެ. ކެއުމުގެ ކޮލިޓީއަށް ބަލާފައި އަގުތައް ހެޔޮކަމުން ބައެއް ފަރާތްތަކުން ހައިރާންވާ ކަމަށް ވެސް ނައީމް ބުނެއެވެ.

ދަ މަންހަޓަން ފިޝް މާކެޓް: ރިނޮވޭޝަންތަކާއި އެކު ނިންމާފައި/ ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ނައީމް ބުނީ، އެހެން ފްރެންޗައިޒް ބިޒްނަސްތަކާއި މެންހަޓަންއާ ހުންނަ ތަފާތަކީ، މެންހަޓަނުން ކޮންމެ 5 އަހަރަކުން މެނޫ ބަދަލުކުރުން ކަމަށެވެ. އެގޮތުން، މެނޫ ބަދަލު ކުރަނީ، ގިނަ ދިރާސާތައް ކުރުމަށް ފަހު، ހުރިހާ އުމުރު ފުރާއެއްގެ ވެސް ހިޔާލު ހޯދުމަށްފަހު ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނީ، މެންހަޓަނަށް ގެނައި ބަދަލުތަކަކީ ކަސްޓަމަރުންނަށް ކަމުދާ، އެ މީހުން ގަޔާވާ، ބަދަލުތަކެއް ކަމަށް އުއްމީދު ކުރާ ކަމަށާއި، އާ މެނޫގައި ތައާރަފް ކުރާ ކެއުންތަކަކީ ކަސްޓަމަރުންނަށް ކަމުދާ ކެއުންތަކަކަށް ވުމުގެ އިތުރުން އައުޓްލެޓް ޑިޒައިން ކޮށްފައިވާ ގޮތާމެދު ވެސް ކަސްޓަމަރުން ހިތްހަމަޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.