އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއަކަށް ރާއްޖޭގައި ފުރުސަތެއް ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް ކުރެއްވި ޓްވީޓުތަކަކާ ގުޅިގެން އެކަން އޮޅުން ފިލުއްވައި ދެއްވުމުގެ ގޮތުންނެވެ. ހަލީލް ވިދާޅުވެފައި ވަނީ ކިއުލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއެއް ރާއްޖެ އައިސް ރަށްރަށުގައި ވޯކްޝޮޕްތައް ހިންގުމުގެ ފުރުސަތު ދެނީ ސަރުކާރުން ކަމަށެވެ. އަދި އެފަދަ ދީނާ ދެކޮޅު ޖަމިއްޔާތައް ރާއްޖެ ގެންނަނީ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ކަމަށްވެސް ހަލީލް ތުހުމަތު ކުރެއްވިއެވެ.
އެކަން ސާފު ކޮށްދެއްވާ ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ އެހީތެރިކަމާ އެކުގައި އެފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް ދައްކަވާ ވާހަކަތަކަކީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފައްދަން ދައްކާ ވާހަކަތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުވެސް ވަނީ ވިދާޅުވެފައެވެ. ސައީދު އެފަދައިން ވިދާޅުވީ އިއްޔެ މަޖިލީހަށް ދީނާ ހިލާފު ވޯކްޝޮޕްތަކެއް ކުރިޔަށް ގެންދާ މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޖެންޑާ ނުކުރެއްވުމުންނެވެ.