ބަހާއުއްދީން މިސްކިތް ނުވަތަ މާވެޔޮ މިސްކިތް އަންނަ އޭޮޕްރީލް މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ނިންމައިފިއެވެ.

މި މިސްކިތް ތަޅާލުމަށް ފަހު 2000 މީހުންގެ ޖާގައަށް ވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް މިސްކިތް އަލުން އިމާރާތް ކުރަމުން އަންނަނީ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އަމިއްލަ ހަރަދުގައެވެ.

މި މިސްކިތް ހުޅުވުމަށް ނިންމާފައިވާ ތާރިހަކީ ރޯދަމަހަށް ހަފްތާއެއްހާ ދުވަސް ކުރިއެވެ. މިސްކިތް ހުޅުވުމަށްފަހު މިސްކިތް ސަރުކާރާ ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ. މި މިސްކިތަކީ ކުރިން 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް އިމާރާތް ކުރަނީ 50 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ.

ކުރިން ދެ ބުރިއަށް އިމާރާތް ކޮށްފައި ހުރި މިސްކިތް ބާވެގެން ތަޅާލާ އަލުން އިމާރާތް ކޮށް މިހާރު ފިނިޝިން މަސައްކަތް ވެސް ނިމިފައި ވާއިރު މި މިސްކިތް މިހާރު ވަނީ ހަ ބުރިއަށް އިމާރާތް ކޮށްފައެވެ. މި މިސްކިތުގައި އަންހެނުންނަށް ވެސް ހާއްސަ ފްލޯއެއް ހުރެއެވެ. އަދި ހުރިހާ ބުރިއަކަށް ދެވޭ ގޮތަށް ލިފްޓުވެސް ވަނީ ބަހައްޓާފައެވެ.