12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އިސްރާއީލުގައި 3 ވަނަ ފަހަރަށް ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުގައި، މިހާރުގެވެސް ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ކުރި ލިބިފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

އެގްޒިޓް ޕޯލްތަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ވާދަވެރިޔާ ބެނީ ގަންޓްޒްގެ މައްޗަށް ކުރި ލިބިފައިވާކަން ނަތަންޔާހޫ އަމިއްލައަށްވެސް ވަނީ އިއުލާންކޮށްފައެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއި ނަތަންޔާހޫ ކަނާތު ފިޔައިގެ ލީކުޑް ޕާޓިއަށް ލިބިފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ 36 ނުވަތަ 37 ގޮނޑިއެވެ. ގަންޓްޒްގެ ބްލޫ އެންޑް ވައިޓް އެލާޔަންސްއަށް ލިބިފައިވަނީ 32 ނުވަތަ 34 ގޮބޑި ކަމަށް ޚަބަރު ލިބެއެވެ.

ހޯމަ ދުވަހުގެ އިންތިހާބުގައި ނަތަންޔާހޫ އަދި ގަންޓަޒްއަށްވެސް، 120 މެމްބަރުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ކަށަވަރުވެފައެއް ނުވެއެވެ. ކަންމިހެން އޮތްއިރު، ލީކުޑް ޕާޓީއާއި ކަނާތު ފިޔައިގެ އެހެން ޕާޓީތަކުގެ އިއްތިހާދެއް އެކުލަވާލި ކަމުގައި ވީ ނަމަވެސް މުޅި މަޖިލީހުގެ އަގުލަބިއްޔަތު ނަތަންޔާހޫއަށް ލިބުން ދުރުކަމަށް އިސްރާއީލުގެ ސިޔާސީ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުން ބުނެއެވެ.

މިހާރު އުމުރުން 70 އަހަރު ފުރިފައިވާ ޚުދުމުޚުތާރު ނަތަންޔާހޫއަކީ އިސްރާއީލުގެ ތާރީހުގައި އެންމެ ދިގުމުއްދަތަކަށް ވެރިކަންކޮށްފައިވާ ފަރާތެވެ. ވެރިކަމުގެ 5 ވަނަ ދައުރަކަށް ކުރިމަތިލާފައިވާ ނަތަންޔާހޫ ވަނީ 1996 އިން 1999 އަށް އަދި 2009 ވަނަ އަހަރުން ފެށިގެން އަދާ ޖެހެންދެން އިސްރާއީލުގެ ބޮޑު ވަޒީރުކަމުގެ ގޮނޑި ކަށަވަރުކޮށްފައެވެ.

1 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި 3 ވަނަ ފަހަރަށް އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރެއް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކުން ފެއިލްވަމުންދާތީއެވެ.