އެންދަމަން ފީނި މީހަކު ޑީކޯ ވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޯށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު ޑީކޯ ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮަށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ރޭ ދަންވަރު 1:00 ހާއިރު ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވަނީ ގއ.ކެދެރާ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "އައްސާރިޔާ" ނަމަކަށްކިޔާ ދޯނިން އެންދަމަން ފީނި އުމުރުން 49 އަހަރުގެ ދިވެއްސެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މަސްވެރިކަމުގައި އުޅޭ ޒުވާނުން ފީނަން ގޮސް ޑީކޯ ވުމަކީ މިހާރަކަށް އައިސް ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. އެގޮތުން މިދިޔަ މަހުގެ 9 ވަނަ ދުވަހު ވަނީ 27 އަހަރުގެ ޒުވާނަކު ޑީކޯވެގެން ފަރުވާ ދީފައެވެ. އަދި ޖަނަވަރީ މަހުވެސް ވަނީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ހުދު ހުދު" ނަމަކަށް ކިޔާ ދޯނިން ފީނަން ފޭބި 26 އަހަރުގެ ދިވެއްސެއް ޑީކޯ ވެގެން ގދ. ތިނަދޫއަށް ގެންގޮސް ފަރުވާ ދީފައެވެ.