މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޓްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3 ރުފިޔާ 30 ލާރި ބަހަން އުރީދޫ މޯލްޑިވްސުން ނިންމައިފިއެވެ.

ކުރުނބާ މޯލްޑިވްސަގައި މިރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާ (އެނުއަލް ޖެނެރަލް މީޓިންގް) ގައި ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިދިޔަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި ހާއްސަ ގޮތުން ބޭއްވި އެ ކުންފުނީގެ އާންމު ޖަލްސާގެ ޔައުމިއްޔާވެސް ވަނީ ފާސްކޮށްފައެވެ.

މިދިޔަ އަހަރު ހިއްސާއަކަށް ދީފައި ވަނީ 3 ރުފިޔާ 22 ލާރިއެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ހިއްސާއަކަށް ދީފައި ވަނީ އަށް ލާރީގެ އިތުރު އަދަދެކެވެ.

އެ ޖަލްސާގައި 300 މީހުން ބައިވެރިވެފައި ވާއިރު، 195 މީހުންނަކީ އުރީދޫގެ ހިއްސާދާރުންނެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓް ހިއްސާ އެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.